ރާއްޖެ އަންނަ ފަތުރުވެރީންނަށް އިތުރު ދެ ވިސާއެއް ތަޢާރަފްކުރުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ރާއްޖެ އަންނަ ފަތުރުވެރީންނަށް އިތުރު ދެ ވިސާއެއް ތަޢާރަފްކުރުމަށް ނިންމައިފި

ރާއްޖެ އަންނަ ފަތުރުވެރީންނަށް އިތުރު ފުރުސަތުތައް ހުޅުވާލުމުގެ ގޮތުން އިތުރު ދެ ވިސާއެއް ތަޢާރަފުކުރަން ނިންމާފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައެވެ.

ވަޒީރު ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ވަކިން ހާއްސަކޮށް ރާއްޖެ އަންނަ ފަތުރުވެރީންގެ 30 އިންސައްތަ ހިއްސާކުރާ މެދުއިރުމަތީގެ އެއަރލައިންތަކުގެ ދަތުރުތައް ކެންސަލްވުމަކީ އިޤްތިސާދަށް ލިބޭ ބޮޑު ގެއްލުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ގެއްލުންތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 562,956 ފަތުރުވެރީން ޒިޔާރަތްކޮށްފައިވެއެވެ. ނަމަވެސް، މި މަހު ރާއްޖެ އައި 97,000 ފަތުރުވެރީންނަކީ ކުރީގެ ދެ މަހާ އަޅާބަލާއިރު 21 އިންސައްތައިގެ ދަށްވުމެކެވެ. ވަޒީރު ވިދާޅުވި ގޮތުގައި ހަނގުރާމައާ ގުޅިގެން އެނބުރި ޤައުމަށް ދާން ބޭނުންނުވާ ފަތުރުވެރީން ވިސާ އިތުރުކޮށްދޭން އެދެމުންދާއިރު، މިހާރު އޮތް އުނދަގޫ މަރުހަލާ ފަސޭހަކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

އަލަށް ތަޢާރަފުކުރުމަށް މަސައްކަތް ކުރަމުންދާ ދެ ވިސާއަކީ "ރިމޯޓް ވޯކިން ވިސާ" އާއި "ކޮންޓެންޓް ކްރިއޭޓިވް ވިސާ" އެވެ. މީގެ އިތުރުން ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ސްޕިއާ ފިޝިންއާއި، ޓެކްނިކަލް އެންޑް ރިކްރިއޭޝަނަލް ޑައިވިންއަށް ހުޅުވާލަން ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ސުޕަ ޔޮޓާއި ލިވަބޯޑް ޗާޓަރ ޓޫރިޒަމް އިތުރަށް ހަރުދަނާކޮށް، ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހަލާލު ޓޫރިޒަމް ފުޅާކުރުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރުމަށް ވެސް ސަރުކާރުން ވަނީ ރާވާފައެވެ.

މިއަދު އޮންލައިން