ކޮލޮމްބޯގައި ހުންނަ ކިންގްސް ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ކޮލޮމްބޯގައި ހުންނަ ކިންގްސް ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުންނަ ކިންގްސް ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ.

މިކަމާ ގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އާސަންދަ ކުންފުނިން ވިދާޅުވީ، މިދިޔަ މަހުން ފެށިގެން އެ ހޮސްޕިޓަލުން އާސަންދައިގެ ދަށުން ބަލިމީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.

އާސަންދައިން ފާހަގަކުރި ގޮތުގައި، ލަންކާ ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް މެދުކަނޑާލުމާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ގިނަ ދިވެހިންގެ ކަންބޮޑުވުންތަކެއް ހުއްޓެވެ. ނަމަވެސް ކިންގްސް ހޮސްޕިޓަލުން އަލަށް މި ޚިދުމަތް ދޭން ފެށުމަކީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށާއި، ބޭސްފަރުވާއަށް އެ ގައުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދިޔަ ބޮޑު ލުޔެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.

ލަންކާގެ އިތުރު ހޮސްޕިޓަލަކަށް އާސަންދައިގެ ޚިދުމަތް މި ފުޅާކުރީ، ދިވެހިންގެ މެދުގައި މަގުބޫލު ލަންކާ ހޮސްޕިޓަލުން އާސަންދަ ދިނުން ދާދި ފަހުން މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ. ލަންކާ ހޮސްޕިޓަލުން އާސަންދަ މެދުކަނޑާލާފައިވަނީ އެ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު، ދެ ފަރާތުން ހުށަހެޅި ކަންކަމަށް އެއްބަސްނުވެވިގެން އެއްބަސްވުން އާނުކުރެވުމުގެ ސަބަބުން ކަމަށް މީގެ ކުރިން އާސަންދައިން ވަނީ ހާމަކޮށްފައެވެ.

ކިންގްސް ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް ލިބެން ފެށުމަކީ ބޭރު ގައުމުތަކުން ދިވެހިންނަށް ލިބޭ ބޭސްފަރުވާގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

މިއަދު އޮންލައިން