ކައިވެންޏަށްފަހު އެންމެ މުހިންމު ކަމަކީ އެކަކު އަނެކަކަށް އިތުބާރުކުރުމެވެ. ޝައްކުގެ މައްޗަށް ބަސްބުނެ ވާހަކަ ނުދެއްކުމެވެ. އަނެކާގެ ބޮލުގައި ދޮގުއިލްޒާމްތައް ނުއެޅުވުމެވެ. އެހެނެއްކަމަކު އެކަމަށް ސަމާލުކަންދެވެނީ މަދުމީހަކަށެވެ. އެހެންވެ މިކިޔައދެނީ ކުޑަކުޑަ ޙާދިސާއެކެވެ.
އެއީވެސް ވަރަށް ލޯބިން ދިރިއުލެމުން އަންނަ ދެމަފިރިންނެވެ. އަނބިމީހާއަކީ ހެޔޮލަފާކަމުގައި އަރައިހުރި އަންހެނެކެވެ. ދެމަފިރިންނަށް ވަނީ 3 ދަރިން ލިބިފައެވެ. ދޮށީ ދަރިފުޅުގެ ޢުމުރަކީ 12 އަހަރެވެ.
ކުދިންނަށް ކޮންމެ ދުވަހަކުހެން ކަންބޮޑުވާންޖެހޭ ކަމެއް އޮވެއެވެ. އެއީ މަންމަގެ ކިބައިން އެއްވެސް ކުށެއް ނުފެންނައިރުވެސް މަންމަގެ މައްޗަށް ޝައްކުކޮށްގެން ބައްޕަ ވާހަކަދައްކާ އަޑުއިވޭ ކަމެވެ. ބައްޕަ ފޯނުކޮށްލާއިރު މަންމަގެ ފޯނު ބިޒީވެއްޖެނަމަ ކޮންމެވެސް ތުހުމަތެއްކޮށް ވާހަކަދައްކާތީއެވެ.
މިކަން ބޮޑުވެ 3 ކުދިންގެ މެދުގައި ސައްލާކުރުމަށްފަހު އެއްދުވަހަކު މަންމަ އާއި ބައްޕަ ސިޓިންގރޫމްގައި ތިއްބައި އެންމެ ހަގުދަރިފުޅު ގޮސް ބުންޏެވެ. ބައްޕަ އަޅުގަނޑަށް އިނާމެއް ދެއްވާމަތިން ބައްޕަ ގާތު މަންމަގެ ވަރަށް ބޮޑު ސިއްރެއް ބުނެފާނަމެވެ. އެސިއްރަކީ ކޮބައިތޯ ސުވާލުކުރުމުން އަނެއް ދެކުދިންވެސް އެތަނަށް އަތުވެއްޖެއެވެ. ކުޑަދަރިފުޅު ބުންޏެވެ. "ބައްޕަ ގޭގައި ނުއުޅޭ ވަޤުތުތަކުގައި މަންމަ ވާހަކަދައްކަނީ އަހުރެމެން 3 ބެއިންނާއިއެވެ! ފޯނުން ވާހަކަދައްކަނީ މާމަމެންނާއިއެވެ! އެކަމަށް އަހުރެމެން 3 ބެއިން ހެކިވަމެވެ!"
އެއިރު އަނބިމީހާ އިނީ ހޭނށެވެ. މިވީގޮތް ވިސްނުމުން ފިރިމީހާ ވަރަށް ދެރަވިއެވެ. ލަދުވެސް ގަތެވެ. އެއިގެ ފަހުން ފރިމީހާ އެފަދަ އެއްވެސް ވާހަކައެއް ނުދައްކައެވެ.
މިއީ އަހުރެންގެ އެކުވެރި ޢާއިލާއެއްގައި ހިނގި ކަމެކެވެ. ކުދިން ބައްޕަގެ ގާތުގައި އެވާހަކަދެއްކިއިރުވެސް ކަންބޮޑުނުވެ މަންމަ ހޭން އެއިނީ ކީއްވެގެން ހެއްޔެވެ؟ އެއީ އޭނާ ކުށެއް ނުކުރާކަމުގެ ޔަޤީންކަން އޮތުމުންނެވެ. ކުށެއް ނުކުރާއިރު ދަރިންނަށްވެސް ދެއްކޭނެ ކުށެއް ނުއޮންނާނެތީއެވެ.
އަހުރެން އުންމީދުކުރަނީ މިވާހަކަކޮޅުން ގިނަ ބައަކަށް ފައިދާކުރާނެ ކަމަށެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން