ބަލިވެއްޖެނަމަ ބެލުމަކީ ދީނީ ގޮތުން ބެލިނަމަވެސް ވާޖިބެކެވެ. އެއިގެ އިތުރުން އެއީ އިންސާނިއްޔަތަށްޓަކައިވެސް ކުރަންޖެހޭނެ ކަމެކެވެ. އެހެންކަމާއިއެކުގައިވެސް ބައެއް މީހުންނަށް އަބަދުވެސް ތައްޔާރަށް ތިބެވެނީ ބައިވެރިޔާ ބަލިވެއްޖެނަމަ އަޅާއި އެހީތެރިވުމަކަށް ނޫނެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން އޭނާގެ ކިބައިން ސަލާމަތްވުމަށެވެ.
ތިރީގައިވާ ވާހަކައަކީ ބައިވެރިޔާ ބަލިވުމުން ނުބައިކޮށް ކަންކަން ކުރެވޭ ކޮންމެ މީހަކަށްވެސް ރަނގަޅު ޢިބްރަތެއް ލިބިގެންދާނެ ވާހަކައެކެވެ. އިން ޝާ ﷲ
އެއީ 2007 ވަނަ އަހަރެވެ. އަޅުގަނޑުގެ ޢުމުރުން 27 އަހަރެވެ. ކައިވެންޏަށް 3 އަހަރެވެ. ވަރަށް ބޮޑަށް ބަލިވެގެން އަޅުގަނޑަށް އޮންނަން ޖެހުނީ އައިޖީއެމްއެޗަގައެވެ. ހޮސްޕިޓަލުގައި ބޭއްވިތާ ހަފްތާއެއްވެސް ނުވަނީސް ފިރިމީހާ ހޮސްޕިޓަލަށް އައުން މަދުވާން ފަށައިފިއެވެ. ދެހަފްތާވީއިރު ކާއެތިކޮޅު ގެނެސްދިނުންވެސް މަދުކޮށްލައިފިއެވެ. ވައްދާފައި ހުންނަނީ ޕާންފަދަ ތަކެއްޗެވެ. ނަމަވެސް އަޅުގަނޑަކަށް ޕާނެއް ނުކެވެއެވެ. ކިރިޔާވެސް ބޭނުންކުރެވެނީ ބަތްޕެން ފަދަ ދިޔާއެއްޗިއްސެވެ.
އަޅުގަނޑާއި ޖެހިގެން އަޅުގަނޑަށްވުރެ ތަންކޮޅެއް ދޮށީ ޢުމުރުގެ އަންހެނަކަށް އޭނާގެ ފިރިމީހާ ވަރަށް ހެޔޮކޮށް ކަންތައް ކުރެއެވެ. އެކަމާ އަޅުގަނޑަށް ވަރަށް އަސަރުވެސް ކުރެއެވެ. ލޯމަތިން ކަންކަން ފެންނާތީއެވެ. އަޅުގަނޑުގެ ފިރިމީހާ ކަންކަން ކުރާ ގޮތާއި އޭނާގެ ފިރިމީހާ ކަންކަން ކުރާގޮތުގެ ތަފާތު ބޮޑުކަމުންނެވެ. އޭނާގެ ފިރިމީހާއަކީ ވެސް ވަޒީފާ އަދާކުރާ މީހެކެވެ. އެކަމަކު ކޮންމެ ރެއަކުހެން ނިދަނީވެސް އަނބިމީހާ ގާތުގައި ކޮޅަށް އިނދެގެންނެވެ.
އަޅުގަނޑު އެއްވެސް ކަމަކު އޭނާގެ ކިބައިން ނުއެދެމެވެ. ނަމަވެސް އަޅުގަނޑުގެ ފިރިމީހާ ކަންކަންކުރާ ގޮތް ފެންނާތީކަން ނުއެނގެއެވެ. އޭނާގެ އަނބިމީހާއަށް ކާއެއްޗެތި ހެނެސްދޭއިރު އަޅުގަނޑަށްވެސް ގެނެސްދޭން ފަށައިފިއެވެ. ބަތްޕެންފޮދު ފަދަ ތަކެތިވެސް ގެނެސްދެއެވެ.
އެކަން އެނގުމުން ފިރިމީހާ އައީ ރުޅިއެވެ. އައި ރުޅިގައި ހޮސްޕިޓަލަށް އައުންވެސް ހުއްޓާލިއެވެ. އެއިގެ ހަފްތާއެއްހައި ދުވަސްފަހުން އެއަނހެން މީހާ ނިޔާވެއްޖެއެވެ. އެދުވަހު ވަރަށް ދެރަވިއެވެ. އަޅުގަނޑަށް ކަންކަން ވާނެ ގޮތެއް ނުއެނގޭތީއެވެ. އަދި އަޅައިލާނެ އެއްވެސް މީހަކު ނެތުމުންނެވެ.
އަނބިމީހާ ނިޔާވުމުން އޭނާވެސް ދެން ނާންނާނެތީއެވެ. އެއިގެ އިތުރުން އެހައި ދުވަހު ގާތުގައި ތިބެންޖެހުމުން އެ އަންހެން މީހާގެ މައްޗަށް އަޅުގަނޑުގެ ހިތުގައި ލޯބިވެސްޖެހިފައިވާތީއެވެ.
ކަންކަން މެދުވެރިވީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. އަނބިމީހާ ވަޅުލައި ނިމިގެން އޭނާ ހޮސްޕިޓަލަށް އައެވެ. އަޅުގަނޑާއި ބައްދަލުކޮށްފައި ބުނީ އަޅުގަނޑުގެ އިޢްތިރާޒެއް ނެތްނަމަ ހޮސްޕިޓަލުން ދޫކޮށްލަންދެން އަޅުގަނޑަށް އެހީތެރިވެދޭނެ ކަމަށެވެ.
ނިކަން ވިދާޅުވެބައްލަވާށެވެ! އެޙާލަތުގައި އަޅުގަނޑު އެކަން ޤަބޫލުނުކޮށް ކުރާނީ ކޮންކަމެއްތޯއެވެ؟ އެހެންވެ އަޅުގަނޑު ޝުކުރުވެރިކަމާއިއެކު އެކަން ޤަބޫލުކުރީމެވެ.
ހޮސްޕިޓަލުން އަޅުގަނޑު ދޫކޮށްލީ ދޮޅުމަސްވާން ކައިރިވެފައި ހުއްޓައެވެ. އެހައި ގިނަ ދުވަސްނެގީ ބައްޔަކީ ހެޕަޓައިޓިސްބީ ކަމަށްވެފައި ފަސޭހަވުން ލަސްވީމައެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން އަޅުގަނޑު ގެއަށް ދިއުމުން ފިރިމީހާ ފުރަތަމަކަމަކަށްވެސް ވަރިކުރީއެވެ. ފިރިމީހާ އެހީތެރިނުވުމުން އަޅުގަނޑަށް އެހީތެރިވެދިން މީހާއާއި އަޅުގަނޑު ހިތާވިކަމަށް ހަދައިފައެވެ.
އަޅުގަނޑަކީ ރާއްޖެތެރެއަށް ނިޞްބަތްވާ އަންހެނެކެވެ. ދާނެ ތަނެއް ނެތެވެ. އެހެންވެ މާލޭގައި ދިރިއުޅޭ ރަށުގެ ޢާއިލާއެއް ގާތު އެދިގެން ރަށަށް ދެވެންދެން ހުރެލަން ދިއައީ އެގެއަށެވެ. ކަންދިމާވިގޮތުން އެގެ ހުންނަނީ އަޅުގަނޑަށް އެހީތެރިވި މީހާގެ ގެއާއި ވަރަށް ކައިރީގައެވެ. އެހެންވެ އޭނާ އާއި ބައްދަލުވުމުން ޙާލުގެވާހަކައިން ސުވާލުކުރީމާ ކަންކަން ވީގޮތް ކިޔައިދިނީމެވެ.
އެހިސާބުން އަނެއްކާވެސް އޭނާ އަޅުގަނޑަށް ކުދިކުދި އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. ދުވަސްކޮޅެއް ފަހުން އޭނާ އެދުނީ އެދެމަފިރިންނަށް ލިބިފައި ތިބި 2 ދަރިން ބަލައިދޭން އެގެއަށް ބަދަލުވުމަށެވެ. މުސާރައެއް ދޭނެ ކަމަށްވެސް ބުންޏެވެ. އަޅުގަނޑު އެކަން ޤަބޫލުކުރީމެވެ.
އޭނާގެ ކުދިން ބަލައިދޭން އެގޭގައި އިންނަތާ 2 އަހަރުފަހުން އޭނާގެ ކޮއްކޮއަކާއި އަޅުގަނޑާއި ދެމެދު އުފެދުނު ގުޅުމެއްގެ ތެރެއިން ލޯބީގެ ގުޅުން އުފެދި ކައިވެނިކުރީއެވެ. އަޙަމްދުލިﷲ. އުފާވެރި ދިރިއުޅުމެއް ލިބުނީއެވެ. ފިރިމީހާއަކީވެސް ހަމަ އޭނާގެ ބޭބެ ފަދަ އަޚްލާޤް ރަނގަޅު މީހެކެވެ.
މީހަކަށް ދެރަގޮތެއް މެދުވެރިވުމުން އެކަމާއި އުފާކުރާކަށް ނޫނެވެ. ނަމަވެސް އަޅުގަނޑުގެ ކުރީގެ ފިރިމީހާއަށް ޖެހުނު ޙާލުގެ ވާހަކަވެސް ނުބުނެ ނިންމައިލެވޭކަށް ނެތެވެ. އޭނާ ކުރި ދެވަނަ ކައިވެނިމަތީގައި އުޅެނިކޮށް ސްޓްރޯކެއްޖެހި އެއްފަޅި ވާގިނެތުމުން އަނބިމީހާ ވަނީ ވަރިވެގެން ގޮސްފައެވެ. ދިރިއުޅެނީ ވަރަށް އެކަނިވެރިހާލުގައެވެ. އަޅުގަނޑުގެ ދުޢާއަކީ އޭނާއަށް އަވަސް ޝިފާއެއް ދެއްވެވުމެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ކައިވެނިކޮށް އެކުގައި ދިރިއުޅެނިކޮށް އެކަކު ބަލިވުމުން އަނެކަކު އެހީތެރިނުވެ އެއްލައިލާ މީހުން ބައިވަރެވެ. މިއީ ވަރަށް ދެރަ ކަމެކެވެ. ތިމާ ބަލިވާނީ ކޮން އިރަކުކަން ހަމަ އެކަކަށްވެސް ނުއެނގޭނެތީއެވެ.
- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް