ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާކުރެވޭގޮތަށް ތެލުގެ ރިޒާވްއެއް ޤާއިމްކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން މާލީ ވަޒީރު މޫސާ ޒަމީރު ހާމަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުން ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ދުނިޔޭގެ މަޝްރަޙުގައި، ޚާއްޞަކޮށް މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ތެޔޮ ލިބުމުގައި ދަތިތަކާ ކުރިމަތިވެ، ތެލުގެ އަގު ދަނީ އިންތިހާއަށް އުފުލެމުންނެވެ. ސަރުކާރުގެ މި ނިންމެވުމަކީ މިފަދަ ކުއްލި ބަދަލުތަކަށް ދުރާލާ ތައްޔާރުވެ، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ނިންމެވި ނިންމެވުމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މާލީ ވަޒީރު ވިދާޅުވި ގޮތުގައި މި ތެލުގެ ރިޒާވް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ތިން ސަރަޙައްދެއްގައެވެ. މި ނިޒާމު ފުރިހަމަވުމުން، ރާއްޖެއަށް އެއް އަހަރު ދުވަހަށް ބޭނުންވާނެ މިންވަރަށް ތެޔޮ ރައްކާކޮށްފައި ބެހެއްޓޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއެކު އިތުރު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، "މިއީ 5 އަހަރު ދުވަހުގެ ޕްލޭންގެ ދަށުން ކުރިއަށް ގެންދާނެ މަޝްރޫޢަކަށް ވާނެ. މިހާރު ފޭސް 1 ގެ މަސައްކަތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމޭތޯ މިބަލަނީ. އެއީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް،" ކަމަށެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުމަށާއި، ބޭރުގެ ބާޒާރުތަކަށް އަންނަ ލޮޅުންތަކުން ރާއްޖޭގެ ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ އެންމެ މުހިންމު އެއް މަސައްކަތް ކަމުގައި މާލީ ވުޒާރާއިން ދެކެއެވެ.