އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 400 އަށްވުރެ ގިނަ ފޯމު ހުށައަޅާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިކަމާ ގުޅޭ އުސޫލު އާއްމުކޮށް ފޯމު ހުށައެޅުމަށް އެ ވުޒާރާއިން ހުޅުވާލާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ.
އަނބިމީހާ ނުވަތަ ފިރިމީހާއަށް ކުރިން ބޯހިޔާވަހިކަމެއް ލިބިފައި އޮތް ނަމަވެސް، ގޯއްޗަށް ކުރިމަތިލެވޭނެ ގޮތް ހަމަޖައްސަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. މިއީ މިހާރު ފްލެޓެއް އޮތް ނަމަ، އިތުރު ބޯހިޔާވަހިކަމަކަށް ކުރިމަތި ނުލެވޭތީ އާންމުން ކުރަމުންދިޔަ ޝަކުވާތަކަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ނިންމެވި ނިންމެވުމެކެވެ.
ސަރުކާރުގެ މި ނިންމުމަކީ ކޮންމެ އާއިލާއަކީވެސް އަމިއްލަ ގެދޮރު ކަށަވަރުވެފައިވާ އާއިލާއަކަށް ހެދުމަށް ކުރާ މަސައްކަތުގެ ބައެކެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، "ގޯތި ގެދޮރު" ޕްރޮގްރާމްގެ ދަށުން ހުޅުވާލި މި ފުރުޞަތަށް މިހާތަނަށް ޖުމުލަ 418 މީހުން ވަނީ ފޯމު ހުށައަޅާފައެވެ.
މި ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ ހަމައެކަނި ގޯއްޗަށް ކުރިމަތިލުމުގެ ފުރުޞަތެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި އުސޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިން 1250 އަކަފޫޓުގެ ގޯތި ކަމަށެވެ.
މި ނިންމުމަކީ ގިނަ ރައްޔިތުން އެދެމުންދިޔަ ކަމަކަށް ވުމާއެކު، މީގެ ސަބަބުން ގިނަ އާއިލާތަކަކަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.