ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަށް އިންވެސްޓް ކުރާ ފަރާތްތަކަށް ޚާއްސަ ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާއަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ދާއިރާއެއް ކަމަށެވެ. އަދި މިވަގުތު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
މި ދާއިރާއިން އިންވެސްޓްކުރާ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ ލުއިތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، "މިހާރު ދިމާވެފައިވާ ހާލަތުގައި އިންސެންޓިވްތައް ދިނުމަށް ރާއްޖޭގައި އުފައްދާ ކާބޯތަކެތި އުފެއްދުމަށް ޕްރައިވެޓް ސެކްޓަރ ފަރާތްތަކަށް ޚާއްސަ އިންސެންޓިވްތަކެއް ދިނުމަށް އަޅުގަނޑުމެންގެ ވިސްނުން މިއޮތީ،" ކަމަށެވެ. މީގެ ތެރޭގައި އެ ދާއިރާއަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ހިލޭ ބިން ފޯރުކޮށްދިނުމާއި، ދައުލަތަށް ދައްކަންޖެހޭ ޓެކްސްތަކުން ޚާއްސަ ލުއިތަކެއް ދިނުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަޤްވާމީ މަސްރަޙުގައި ހުރި ގޮންޖެހުންތަކާއެކުވެސް، ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި ލިބުމުގައި މިވަގުތަށް އެއްވެސް ދަތިކަމެއް ނެތެވެ. ސަރުކާރުގެ އަމާޒަކީ އަމިއްލަ އުފެއްދުންތެރިކަން އިތުރުކޮށް، ބޭރުގެ ގައުމުތަކަށް ބަރާބަރުވާ މިންވަރު ކުޑަކުރުމެވެ.