މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްސަކުރަން ދިރާސާކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 59ސ
މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްސަކުރަން ދިރާސާކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކުގެ ތެރެއިން، މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނާއި އަންހެނުންނަށް ޚާއްސަކުރުމާ ގުޅޭގޮތުން ދިރާސާކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ ސަރުކާރުން ގެންނަން ނިންމާފައިވާ މުހިންމު އިސްލާހުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން އިތުރުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމަށް ގެންނަ އިސްލާހަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާ ގުޅިފައިވާ ކަމެއް ކަމަށެވެ. މި އިސްލާހުގެ ތެރެއިން މަޖިލީހުގެ މެންބަރުންގެ ތެރޭގައި 30 އަހަރުން ދަށުގެ ޒުވާނުންނަށް ވަކި އިންސައްތައެއް ކަނޑައެޅުމަށް ގަސްތުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއްކަމަކީ މަޖިލީސް މެންބަރުގެ އަދަދުގެ ތެރޭގައި ވަކި އިންސައްތައެއް އެއީ 30 އަހަރުންގެ ދަށުގެ ޒުވާނުން ކަމުގައި ކަނޑައެޅުން. މިހާރު ނޯންނާނެ ވަކި އިންސައްތައެއް ޒުވާނުންނަށް ހެދުން މަޖުބާރުވާކަށެއް. އެހެންވީމަ މަޖިލީސް މެންބަރުންގެ ތެރެއިން ދިރާސާކޮށްގެން ނިންމާ އަދަދެއް އަޅުގަނޑުމެން ގަސްތުކުރަނީ އެއީ ޒުވާނުން ގޮތުގައި ކަނޑައަޅަން،" ރައީސް ވިދާޅުވިއެވެ.

ޒުވާނުންގެ އިތުރުން މަޖިލީހުގެ ވަކި އިންސައްތައެއް އަންހެނުންނަށް ޚާއްސަކުރުމަށްވެސް ދިރާސާކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ކައުންސިލްތަކުގެ އިންތިޚާބުގައި އަންހެނުންނަށް ވަކި އަދަދެއް ކަނޑައެޅިފައި އޮތް ނަމަވެސް، ރައްޔިތުންގެ މަޖިލީހުގައި އެފަދަ އުސޫލެއް މިހާތަނަށް ނެތް ކަމަށެވެ.

މީގެ އިތުރުން، ދައުލަތުގެ ނިޒާމަށް ގެންނަން ނިންމާފައިވާ އެހެން ބައެއް ބަދަލުތަކަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އޭގެ ތެރޭގައި ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ފަށާގޮތަށް ބަދަލުކުރުމާއި، ރިޔާސީ އިންތީޚާބު އެއް ބުރުން ނިންމާލެވޭނެ ފަދަ "ޕްރިފަރެންޝަލް ވޯޓިންގ" ނިޒާމަކަށް ދިއުމަށް ކުރަންޖެހޭ ދިރާސާތައް ކުރަމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ސަރުކާރުން ހުށަހަޅާ މި އިސްލާހުތަކަކީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ހަރުދަނާކޮށް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް މަގުފަހިވާނެ ބަދަލުތަކެއް ކަމަށް ބެލެވެއެވެ. މި ހުރިހާ ބަދަލުތަކެއްވެސް ގެނައުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

މިއަދު އޮންލައިން