ސަރުކާރުން އަލަށް ތައާރަފްކުރާ "މާލެ ޓެކްސީ" ލައިންގެ ހިދުމަތާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ހޮޓްލައިނެއް ކަނޑައަޅައިފިއެވެ. މި ޓެކްސީ ލައިން ހިންގައި އޮޕަރޭޓް ކުރުމުގެ މަސްއޫލިއްޔަތު ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
އެމްޓީސީސީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ޓެކްސީ ލައިންގެ ހާއްސަ ހޮޓްލައިން ނަންބަރަކަށް ކަނޑައަޅާފައިވަނީ 1655 އެވެ. މި ނަންބަރަކީ ޓެކްސީ ލައިނާ ގުޅޭ އެކި މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދިނުމަށް ހާއްސަކޮށްފައިވާ ނަންބަރެއް ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މިހާރު ރާއްޖޭގައި ބޭނުންކުރާ އެހެނިހެން ޕްރައިވެޓް ޓެކްސީ އެޕްލިކޭޝަންތަކެކޭ އެއްފަދައިން، ސަރުކާރުގެ މި ހިދުމަތްވެސް ދިނުމަށް ހަމަޖެހިފައިވަނީ ހާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އެގޮތުން އެމްޓީސީސީގެ އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީ ބުކް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީން ފާހަގަކުރައްވައެވެ.
ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މި ޓެކްސީ ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އިލެކްޓްރޯނިކް ވެހިކަލް ތަކެވެ. މިއީ މާލެ ސަރަހައްދުގެ ޓެކްސީގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫއެކެވެ.