އައްޑޫ ސިޓީގެ ސެންޓްރަލް ޕަވަރ ސްޓޭޝަން ޤާއިމްކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
އައްޑޫ ސިޓީގެ ސެންޓްރަލް ޕަވަރ ސްޓޭޝަން ޤާއިމްކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްފި

އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކޮށް، އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ކުރިއަށްގެންދާ ސެންޓްރަލް ޕަވަރ ސްޓޭޝަން ޤާއިމްކުރުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި މަޝްރޫޢު އިފްތިތާހުކޮށްދެއްވީ، އެކަމަށްޓަކައި އައްޑޫ ސިޓީ ހިތަދޫގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދާޚީލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

މި ރަސްމިއްޔާތުގައި އެންގްލޯ ބެލްޖިއަން ކޯޕަރޭޝަންގެ އޭރިއާ މެނޭޖަރ ކެޕްޓަން ވިންސެންޓް ޕިރީއާއި، ޑެފިނިޓް ސޮލިއުޝަންސްގެ ސީއީއޯ އަބްދުﷲ ސަޢީދު އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ތަމްސީލު ކުރައްވާ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަޝްރޫޢަކީ އައްޑޫގެ ހަކަތައިގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ މުޙައްމަދު ނަޖާޙު ވިދާޅުވީ، "އައްޑޫގެ ކަރަންޓުގެ މައްސަލައަކީ އެތައް ދުވަހެއްވީ މައްސަލައެއް" ކަމަށާއި، މީގެ ކުރިން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވުމުން އެކަން ދިގުލައިގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް މިހާރު އައު ފަރާތަކާ މަސައްކަތް ޙަވާލުކުރެވި، ޢަމަލީ މަސައްކަތް ފެށިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢު ނިމޭއިރު، އައްޑޫ ސިޓީ އިންޖީނުގޭގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ހުންނާނެއެވެ. މީގެ އިތުރުން، އައްޑޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތްތަކެއްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދެވޭނެ ކަމަށް ފެނަކައިން މަޢުލޫމާތު ދެއެވެ.

ފެނަކަ ކޯޕަރޭޝަނުން އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ ކުރިން މި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، އައްޑޫގެ ރައްޔިތުންނަށް މެދުނުކެނޑި އިތުބާރު ހުރި ކަރަންޓުގެ ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ.

މިއަދު އޮންލައިން