މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ކެޓަގަރީން ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލާ ތާރީޚު ސަރުކާރުން ލަސްކޮށްފިއެވެ. މި ކެޓަގަރީއަށް އެޕްލިކޭޝަން ހުށަހެޅުމަށް މިހާރު ނިންމާފައިވަނީ އަންނަ އެޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މި ކެޓަގަރީގެ ޝަރުޠުތަކަށް ބަދަލުތަކެއް ގެނައުމަށްފަހު، ފްލެޓަށް އެދި ހުށަހެޅުމަށް މީގެ ކުރިން ހުޅުވާލުމަށް ނިންމާފައި އޮތީ މި ހިނގާ މާރިޗު މަހުގެ 24 ވަނަ ދުވަހުއެވެ. ނަމަވެސް، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ވަނީ އެ ތާރީޚަށް ބަދަލު ގެނެސްފައިވާކަން އިއުލާނުކޮށްފައެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކުރި އިއުލާނުގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ފުލެޓަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ އެޕްރީލް މަހުގެ 1 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ކަމަށެވެ.
ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލާ ތާރީޚު ލަސްކުރި ނަމަވެސް، އެ ތާރީޚު ލަސްކުރަން ޖެހުނު ވަކި ސަބަބެއް އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ. މި ފުރުސަތަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދިނުމުގެ ގޮތުން ހުޅުވާލާ ފުރުސަތެކެވެ.