ރާއްޖެއަށް ބޭނުންވާ ކައްކާ ގޭހުގެ އައު ޝިޕްމަންޓެއް ލިބި، ފާއިތުވި ދުވަސްތަކުގައި ދިމާވި ގޭހުގެ ދަތިކަން އެއްކޮށް ހައްލުކޮށްފައިވާ ކަމަށް މޯލްޑިވް ގޭހުން މިއަދު ހާމަކޮށްފިއެވެ.
މޯލްޑިވް ގޭހުން ބުނީ ގޭހުގެ އައު ޝިޕްމަންޓް ލިބުމާ ގުޅިގެން، މީގެ ކުރިން ދިމާވި ދަތިތަކަށް ހައްލެއް ލިބިފައިވާ ކަމަށެވެ. އަދި މިހާރު އެ ކުންފުނިން އާންމުކޮށް ވިއްކާ 10 ކިލޯގެ ގޭސް ފުޅި އެއްވެސް ދަތިކަމެއް ނެތި ކަސްޓަމަރުންނަށް ލިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
ކަސްޓަމަރުންނަށް އެއްވެސް ދައްޗެއް ނެތި ގޭސް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނިން ވަނީ ހާއްސަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، ގޭހުގެ އައު ޝިޕްމަންޓެއް ލިބެންދެން، ހުރިހާ ކަސްޓަމަރުންނަށް ގޭސް ލިބޭނެކަން ކަށަވަރު ކުރުމުގެ ގޮތުން 10 ކިލޯގެ ގޭސް ފުޅި ވިއްކުން ވަގުތީ ގޮތުން މީގެ ކުރިން އޮތީ މަޑުޖައްސާލާފައެވެ.
ދުނިޔޭގެ ބާޒާރުގައި ގޭހާއި ތެލުގެ އަގު އުފުލި، ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވަނީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އެމެރިކާއާއި އިޒްރޭލުން އިސްވެ އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެންނެވެ. މިފަދަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ހުސްނުވެ ލިބޭނެ އިންތިޒާމުތައް ސަރުކާރުން ދަނީ މެދުނުކެނޑި ހަމަޖައްސަމުންނެވެ.