ޖޮއިންޓްކޮށް ގޯތި ލިބިފައިވާ މީހުން ވަކިން ކުރިމަތިލުމުގެ ފުރުޞަތު އޭޕްރީލް 1 އަށް ފަސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޖޮއިންޓްކޮށް ގޯތި ލިބިފައިވާ މީހުން ވަކިން ކުރިމަތިލުމުގެ ފުރުޞަތު އޭޕްރީލް 1 އަށް ފަސްކޮށްފި

"ބިންވެރިޔާ" ސްކީމުގެ ދަށުން ޖޮއިންޓްކޮށް ގޯތި ލިބިފައިވާ މީހުންގެ ތެރެއިން، ވަކިން ގޯއްޗަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާ ތާރީޚު އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހަށް ފަސްކޮށްފިއެވެ. މި ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ކުރިން ނިންމާފައި އޮތީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ބިންވެރިޔާ ޚާއްޞަ ސްކީމަށް އެދި ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ތާރީޚު 01 އެޕްރީލް ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިހާރު ލަސްކޮށްފައިވާ ކަމަށެވެ.

މިގޮތަށް ފުރުޞަތު ދޭން ނިންމީ ޖޮއިންޓްކޮށް ގޯތި ލިބުނު ބައެއް މީހުން އެގޮތަށް އެދެމުންދާތީއާއި، ކޮންމެ އާއިލާއަކަށްވެސް ވަކި ބޯހިޔާވަހިކަމެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ. މި ފުރުޞަތުގެ ދަށުން ޖޮއިންޓްކޮށް ލިބިފައިވާ ގޯތި ދޫކޮށްލުމަށްފަހު ވަކިން ގޯއްޗަށް ކުރިމަތިލުމުގެ އިޚްތިޔާރު ލިބިގެންދާނެއެވެ.

މިކަމާ ގުޅޭގޮތުން ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، "މިއީ ގިނަ ބައެއްގެ އެދުމުގެ މަތިން ނިންމެވި ނިންމުމެއް" ކަމަށެވެ. މި ނިންމުމުގެ ސަބަބުން ގިނަ އާއިލާތަކަކަށް އެމީހުން ބޭނުންވާ ގޮތަށް ބޯހިޔާވަހިކަން ބައްޓަން ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން