ކުޅުދުއްފުށީގައި ޑީސަލްއާއި ނުލާ މުޅި ރަށަށް ބޭނުންވާ ވަރަށް ފެންއުފައްދަން ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކުޅުދުއްފުށީގައި ޑީސަލްއާއި ނުލާ މުޅި ރަށަށް ބޭނުންވާ ވަރަށް ފެންއުފައްދަން ފަށަނީ

އަންނަ އޭޕްރީލް މަހުން ފެށިގެން ހދ. ކުޅުދުއްފުށީގައި ޑީސަލް ބޭނުންނުކޮށް، މުޅި ރަށަށް ބޭނުންވާ މިންވަރަށް ފެން އުފެއްދުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފެނުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި މަތީން ވިދާޅުވީ، ފެނުގެ ހިދުމަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުންކޮށްގެން ފެނުގެ ނިޒާމުތައް ފަރުމާކުރުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުޅުދުއްފުށީގައި ޑީސަލް ބޭނުންނުކޮށް ހަމައެކަނި އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމު ގާއިމުކުރުމަށް 2025 ވަނަ އަހަރު ފެށި މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ. މަތީން ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ ނިޒާމުގެ ޓެސްޓިން މަރުހަލާއެވެ. މި މަރުހަލާ ނިމުމާއެކު، އޭޕްރީލް މަހުން ފެށިގެން އެ ރަށުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެން އުފައްދަން ފަށާނެއެވެ.

މި މަޝްރޫއަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. "މިއާއެކު ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ދިނުމުގެ އައު ބާބެއް ފެށިގެން ދާނެ،" މަތީން ވިދާޅުވިއެވެ.

މި ކާމިޔާބީއަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ކުރާ ދަތުރުގައި ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެމްޑަބްލިޔުއެސްސީން ސިފަކުރެއެވެ. އަދި މި މަސައްކަތުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް މެނޭޖިން ޑިރެކްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިއަދު އޮންލައިން