ތިނަދޫ ސިޓީގައި 50 ހައުސިން ޔުނިޓާއި މަގުހެދުމުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ތިނަދޫ ސިޓީގައި 50 ހައުސިން ޔުނިޓާއި މަގުހެދުމުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި

ގދ. ތިނަދޫ ސިޓީގައި ސަރުކާރުން ކުރިއަށްގެންދާ 50 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއާއި، އެ ރަށުގެ މަގުތައް ހެދުމުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި ދެ މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބެވެ.

ތިނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތްތައް ފައްޓަވައިދެއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާތަކުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ތިނަދޫގައި އަލަށް އިމާރާތްކުރާ 50 ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މި ހައުސިން މަޝްރޫއުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ 50 ޔުނިޓެވެ. މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ 450 ދުވަހުގެ މުއްދަތެކެވެ.

މީގެ އިތުރުން، ތިނަދޫ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މި ފިޔަވަހީގެ ދަށުން ތިނަދޫގެ ޖުމްލަ 50 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ 341 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަގުހެދުމުގެ މި މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރު އެޅުމާއި، ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ. މި މަސައްކަތް ނިންމުމަށް އާރްޑީސީއަށް ދީފައިވަނީ 1440 ދުވަހުގެ މުއްދަތެކެވެ.

ތިނަދޫ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ކާމިޔާބުކަމާއެކު ނިންމާލާފައިވަނީ އާރްޑީސީންނެވެ. އެ ފިޔަވަހީގެ ދަށުން ތިނަދޫގެ 14 މަގެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ވަނީ ތަރައްޤީކޮށްފައެވެ.

މިއަދު އޮންލައިން