ސިނާމާލެއާއި މާލެ ހިޔާގެ އެސެސްމަންޓަށް ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ސިނާމާލެއާއި މާލެ ހިޔާގެ އެސެސްމަންޓަށް ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފި

މާލޭގައި ހުންނަ ސިނާމާލެ އަދި މާލެ ހިޔާ ފްލެޓްތަކުގެ ތަފްސީލީ އެސެސްމަންޓެއް ހެދުމަށާއި، އެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ޓެންޑަރާ ގުޅޭ ލިޔެކިޔުންތައް އެކުލަވައިލުމުގެ ކޮންސަލްޓަންސީ ޚިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން މިއަދު އިޢުލާންކޮށްފިއެވެ.

މާލެ ހިޔާ އަދި ސިނާމާލެ ފްލެޓްތަކަކީ ގިނަ ދުވަސްވެ، ބާވެ ހަލާކުވަމުންދާ އިމާރާތްތަކަކަށް ވުމުން އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ ދަށުން އެ އިމާރާތްތައް އަލުން ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ކުރި އިޢުލާންގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޝަރުތުހަމަވާ ކުންފުނިތަކަށާއި، ޖަމިއްޔާތަކުގެ އިތުރުން ކޮންސަލްޓަންޓުންނަށެވެ. މި ފަރާތްތަކުން މަސައްކަތުގެ މައުލޫމާތު ކަރުދާހުގައިވާ އުސޫލުތަކާ އެއްގޮތަށް ޕްރޮޕޯޒަލް ހުށަހަޅަންޖެހެއެވެ.

މި މަސައްކަތުގެ ދަށުން އެސެސްމަންޓް ހެދުމުގެ ހަރުދަނާ އުސޫލުތަކާއި، ފެންވަރު ރަނގަޅު ލިޔެކިޔުންތައް ތައްޔާރުކުރުމުގެ އިތުރުން، ފަންނީ ހައްލުތައް ހިމެނޭ ފަދަ ފުރިހަމަ ޕްރޮޕޯޒަލްތަކެއް ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އިރުޝާދު ދީފައެވެ. މިއީ އެ ފްލެޓްތަކުގެ ހާލަތު ދެނެގަނެ، ކުރިއަށް އޮތް ތަނުގައި ކުރަންޖެހޭ މަސައްކަތްތައް ރޭވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 އެވެ. ސަރުކާރުގެ އަމާޒަކީ މި އެސެސްމަންޓްތަކަށް ފަހު، ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި އަދި ފެންވަރު ރަނގަޅު ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމެވެ.

މިއަދު އޮންލައިން