މިއީ އަންހެން ކުދިން ވިސްނައިލުން މުހިންމު ޙާދިސާއެއްގެ ވާހަކައެކެވެ. ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ކިތަންމެ ފަޤީރު ނަމަވެސް ހިލޭ ފިރިހެނުންގެ އަތުން އެއްޗެތި ނުހޯދައި ޙަލާލު ގޮތުގައި ދިރިއުޅެން މަސައްކަތްކުރުމުން ކުރާ ފައިދާ މާބޮޑުކަން އެނގިގެންދާ އަގުހުރިފިލާވަޅެކެވެ. ވިދާޅުވެލައްވާށެވެ!
ނާދިރާއަކީ ކިޔެވުމަށް މޮޅުކުއްޖެކެވެ. ކޮލެޖުންވެސް އެންމެ މަތީ ދަރަޖައިގާ ފާސްވިއެވެ. ނަމަވެސް ވަޒީފާއެއް ލިބުމުގައި ހުރަސްތައް ކުރިމަތިވިއެވެ. ސަބަބަކަށްވީ އިންޓަރވިޔުތަކަށްދާއިރު ލައިގެން ހުންނަ ފޭރާމުގެ ބައުކަމެވެ. އެހެންވެ ގިނަ މީހުން ވަރަށް އަވަސްއަވަސްކޮށްލާފައި ބަލަނީ އިންޓަރވިޔު ކުރުކޮށްލެވޭތޯއެވެ.
ނާދިރާ ﷲ ގެ ޙަޟްރަތުން އުންމީދު ކަނޑައެއް ނުލައެވެ. އޭނާ ޔަޤީންކޮށްގެން ހުންނަނީ އަދި ވަގުތު ނުޖެހެނީކަމަށާއި އޭނާއަށް ވަރަށް ރަނގަޅު ވަޒީފާއެއް ﷲ މިންވަރުކުރައްވަވާނެ ކަމަށެވެ. އެޔަޤީންކަމުގައި ހުއްޓައި ނާދިރާ ވަރަށް ބޭނުންވި ވަޒީފާއަކަށް ކުންފުންޏަކުން އިޢުލާނުކުރުމުން ކުރިމަތިލިއެވެ. އެހެނަސް އިންޓަރވިޔުގައި ކުރިމަތިވީ ހަމަ ކުރިންވެސް ކުރިމަތިވާފަދަ ގޮތަކަށެވެ.
އެދުވަހު ނާދިރާ ވަރަށް ދެރަވިއެވެ. އެހެންކުދިންގެ އިންޓަރވިޔުއަށް ބައިގަޑިއެއްހާއިއރު ނަގާއިރު އޭނާގެ އިންޓަރވިޔު 10 ވަރަކަށް މިނިޓުން ނިންމައިލާތީ އެކަމާ ހިތާމަކުރެއެވެ. ނަމަވެސް އަތުގައި ނެތް އެއްޗެއް ނުލެވޭނެތީ ކުރެވޭނެ ކަމެއް ނެތެވެ. އޭނާގެ މައިންބަފައިންނަކީ ފަޤީރުންނެވެ. އަގުބޮޑު ރީތި ހެދުން ހޯދައިދޭނެ ފެންވަރެއްގެ އެމީހުންގެ ކިބައަކު ނެތެވެ.
އެކުވެރިބައެއް ކުދިން ފިރިހެނުންގެ އަތުން ފައިސާ ހޯދައިގެން މޮޅު، ރީތި ފޭރާންލީނަމަވެސް ނާދިރާ އެގޮތަށް އެކަން ކުރަން ބޭނުމެއް ނުވެއެވެ. ނާދިރާ ޤަބޫލުކުރަނީ އެއީ ގައިގައިލެވޭ އަލިފާން ކަމަށެވެ. އެހޫނުކަން ނާދިރާ ބޭނުމެއް ނުވެއެވެ.
ކޮންމެއަކަސް އެދުވަހު ނާދިރާ އެނބުރިގެއަށް ދިއައީ ހިތަށް ވަރަށް އަސަރުކޮށްގެން ހުރެއެވެ. އަދި އާދައިގެމަތިން އޭނާއަށް ރަނގަޅު ވަޒީފާއެއް ދެއްވެވުން އެދި ދުޢާކުރަމުންނެވެ. ގެއާއި ވަރަށް ކައިރިވެފައި ހުއްޓައި ސައިކަލަކާއި ކާރެއް އެކްސިޑެންޓްވެ ސައިކަލްގައި އިން ޒުވާނާ ވިއްސައިގެންގޮސް ފާރުގައި ބޯޖެހި ވަރަށް އަނިޔާވިއެވެ.
މަންޒަރު ފެނުނު މީހުން އަވަސްވެގަތީ ފޯޓޯނަގައި ވީޑިއޯކުރާށެވެ. ޒުވާނާ އެއްވެސް ޙަރަކާތެއް ނެތި ހުއްޓިފައި އޮތްކަން އެނގުމުން ނާދިރާ އެޒުވާނާގެ ކައިރީގައި އިށީނދެ ޞިއްޙީ ފުރަތަމަ އެހީދޭންފެށިއެވެ. އެމްބިޔުލާންސް އައިއިރު ޒުވާނާއަށް ވަނީ ނާދިރާގެ މަސައްކަތުން ނޭވާލެވެން ފަށައިފައެވެ.
އެއިގެ 3 ދުވަސްފަހެވެ. އެވަޒީފާއެއް އޭނާއަށް ނުލިބިގެން އެދުވަހު އެންމެ ދެރަވި ކުންފުނިން ނާދިރާއަށް ގުޅައިގެން ގެންދިއައެވެ. އެދުވަހު ބައްދަލުކުރީ ކުންފުނީގެ ވެރިމީހާއެވެ. އޭނާ ކައިރީގައި އަނބިމީހާވެސް އިނެވެ.
ވެރިމީހާ ފުރަތަމަވެސް ސުވާލުކުރީ ނަރުސްކަން ދަސްކުރިންތޯއެވެ؟ ނާދިރާއަށް ލިބުނީ ޙައިރާންކަމެކެވެ. އޭނާ ކިޔެވީ ވިޔަފާރީގެ ދާއިރާއިންނެވެ. އެހެންވެ ނާދިރާ ބުނީ ނުކިޔަވާ ކަމަށެވެ. ދެން ސުވާލުކުރީ ޞިއްޙީ ފުރަތަމަ އެހީދޭން ދަސްކުރީ ކިހިނެއްތޯއެވެ؟ ނާދިރާބުނީ އަމިއްލައަށް ކަމަށެވެ. ފޮތްތަކުންނާއި ވީޑިއޯ ބަލައިގެން ކަމަށެވެ. އަދި އޭނާ އެންމެ ބޮޑަށް ބޭނުންވަނީ ޑޮކްޓަރުކަން ކިޔަވަން ކަމަށާއި ނަމަވެސް ފަޤީރުވީމާ ފުރުޞަތު ނުލިބުނީ ކަމަށެވެ.
ދެން ވެރިމީހާ ބުނީ އެދުވަހު އެކްސިޑެންޓްވީ އެދެމަފިރިންގެ ދަރިއަކު ކަމަށާއި އޭނާގެ ދަރިފުޅު އެކްސިޑެންޓުވުމުން ފުރާނަ ސަލާމަތްކުރެވުނީ ނާދިރާގެ ސަބަބުން ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އެހެންވެ ގެނައީ ހަދިޔާއެއް ދޭންވެގެން ކަމަށެވެ. ޖަވާބުގައި ނާދިރާ ބުނީ ކިތަންމެ ފަޤީރު ޙާލުގައި އުޅެންޖެހިފައިވީނަމަވެސް އެކަމަށް އެންމެ ފައިސާފޮތްޗެއްވެސް ބޭނުމެއް ނޫންކަމަށެވެ.
"ބައްލަވަ! އަޅުގަނޑު އަޑުއަހަން ޚުޠުބާތަކުގަކިޔާއަޑު އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީވެސް، މުޅި އުންމަތުގެ ފުރާނަ ސަލާމަތްކުރުން ކަމަށް. ވީމާ ތިއައީ ތެދެއްކަމަށްވާނަމަ އަޅުގަނޑަށް ﷲ މާގިނައިން ދެއްވަވާނެ ނޫންތޯ؟"
ނާދިރާގެ ސުވާލުން ދެމަފިރިންގެ މޫނުމަތި ދިއައީ ބަދަލުވެގެންނެވެ. އެއީ އެހައި ފަޤީރު ޙާލުގައި އުޅެމުން ވެސް އެފަދަ ޖަވާބެއް ދިނުމުންނެވެ. ވެރިމީހާ ބުނީ ބަދަލެއްގެ ގޮތަކު ނޫންކަމަށާއި ބަދަލު ނުވެސް ދެވޭނެ ކަމަށެވެ. އެހެންނަމަވެސް ނާދިރާ އެދިފައިވާ ވަޒީފާއަށް ކުރިމަތިލި ކުދިންގެ ތެރެއިން ތައުލީމީ ގޮތުން އެންމެ ފެންވަރު ރަނގަޅު ކުއްޖަކީ ނާދިރާކަމަށްވާތީ ވަޒީފާދޭން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މާދަމާއިން ފެށިގެން ވަޒީފާއަށް ނުކުތުމަށެވެ.
އެވަގުތު އެނާގެ އަންހެނުން ނާދިރާއަތަށް ސިޓީއުރައެއް ދިނެވެ. "މިއީ އެއްގޮތަކަށްވެސް ކުރިން ދެއްކި ވާހަކަ ޢާއި ގުޅުންހުރި ހަދިޔާއެއް ނޫން. ނާދިރާ އޮފީހަށް ނުކުންނަން ހެދުން ހޯދައި ތައްޔާރުވެލަން އަހަރެމެން ދެމަފިރިން ނާދިރާއަށް ކުރި ޞަދަޤާތެއް. އިރާދަ ކުރެއްވިއްޔާ ބަދަލު ނުދެވުނަސް ނާދިރާއަށް އަހަރެމެން ފަހުން ރަނގަޅު ހަދިޔާއެއް ދޭނަން ދަރިފުޅު ގަދަވީމަ. ނާދިރާވެސް ދުޢާކުރާތި އަވަހަށް ގަދަވޭތޯ!" ޖަވާބުގައި ނާދިރާ ބުނީ މިހާރުވެސް އޭނާއަށް އަވަސް ޝިފާއެއް ދެއްވެވުން އެދި ދުޢާކުރަމުން ގެންދާ ކަމަށެވެ.
ނާދިރާވީ ކުންފުނީގައި ވަރަށް ރަނގަޅަށް މަސައްކަތްކުރާ މުވައްޒިފަކަށެވެ. ވަރަށް އަޚްލާޤް ރަނގަޅު މުވައްޒިފަކަށެވެ. އެހެންވެ ވެރިމީހާ ނާދިރާ އާއިމެދު ކަންކަންކުރަނީ އޭނާގެ އަމިއްލަ ދަރިއަކާއިމެދު ކަންކަންކުރާ ފަދައިން ނެވެ. އެހެން މުވައްޒިފުންވެސް ނާދިރާދެކެ ވަރަށް ލޯބިވެއެވެ. ވެރިމީހާ އެގޮތަށް ނާދިރާ އާއިމެދު ކަންކަންކުރާ ސަބަބުވެސް އެނގޭތީ އެވެ.
2 އަހަރުފަހެވެ. ވެރިމީހާގެ ދައުވަތަކަށް ނާދިރާ އާއި ނާދިރާގެ މައިންބަފައިން ވެރިމީހާގެ ގެއަށް ކެއުމަކަށް ދިއަރެއެކެވެ. ކައި ނިމިގެން ވެރިމީހާ ބުނީ އެކްސިޑެންޓްވީ އޭނާގެ ދަރިފުޅާއި ނާދިރާގެ ކައިވެނިކޮށްދޭން ބޭނުންވާކަމަށެވެ. އަދި އެކަން ނާދިރާ އާއި މައިންބަފައިން ޤަބޫލުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ނާދިރާ އާއި މައިންބަފައިން އެކަމަށް ރުހުން ދިނުމުން ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ކައިވެނި ކުރެވިއްޖެއެވެ. ކައިވެނީގެ ރޭ އެ ދެމަފިރިން ބުނީ މިއީ ނާދިރާއަށް ދޭން އެދުވަހުވެސް ބޭނުންވި ހަދިޔާ ކަމަށާއި މިއީ އެދެމަފިރިން އެންމެ ކުރިންސުރެވެސް ނިންމައިގެންތިބި ގޮތް ކަމަށެވެ.
މިއީ އެއިގެ އެތައް އަހަރެއް ފަހެވެ. ނާދިރާ އާއި ފިރިމީހާ މިހާރުވެސް ދިރިއުޅެމުން ގެންދަނީ ވަރަށް ލޯބިންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މިފަދަ ކިތަންމެ ކަމެއް ދަނީ ހިނގަމުންނެވެ. ޢިބްރަތް ޙާޞިލްނުކުރެވެނީއެވެ. ﷲ ތަޢާލާ ލައްވަވާ ރަޙްމަތް ބަލައިނުގަނެވެނީއެވެ.
އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ވަޒީފާއެއް ނުލިބިގެން ނަމަވެސް އަދި އެހެން ބޭނުމެއް ނުފުދިގެން ނަމަވެސް ﷲ މަގުން އެއްކިބާނުވެ ﷲ ގެ ޙަޟްރަތުން ވާގިއެދުންމަތީގައި ސާބިތުވެ ހުރެއްޖެ ނަމަ ދެއްވަވާ ނިޢްމަތް މާބޮޑުވާނެ ކަމެވެ. ﷲ ގެ މަގުން އެއްކިބާވެއްޖެނަމަ އެބޭނުމެއް ފުދުނުނަމަވެސް ފަހުން ކުރަން ޖެހޭ ހިތާމަ މާބޮޑުވާނެ ކަމެވެ.
އެދުވަހު އެކުންފުނިން ވަޒީފާ ނުލިބިގެން ދެރަވެހުރެ ގެއަށް އައި ނާދިރާއަކީ މިއަދު އެކުންފުނީގެ ވެރިއެކެވެ. ކުންފުނީގެ ވެރިމީހާގެ ތިބި ދެދަރިންގެ ތެރެއިން އެއްދަރިއަކީ އޭނާގެ ފިރިމީހާއެވެ. ވީމާ ނާދިރާއަކީ ކުންފުނީގެ ދެބައިކުޅަ އެއްބައި ޙިއްޞާދާރަކަށް އެވަނީވެފައެވެ. ލިބުނު ވަޒީފާ ކުޑަތޯއެވެ؟
ނާދިރާއަކީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެކެވެ. އަޅުގަނޑު ދުޢާކުރަނީ ދެމަފިރިންނަށް އުފާވެރިކަން އިތުކުރައްވަވައި ދެއްވެވުމެވެ.
- ފާއިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް