ކުޑަދަރިފުޅަށް ބައްޕަގެ ލޯބިނުލިބޭތީ ދުޢާކުރުމުން ދަރިފުޅަށާ ބައްޕައަށް އުފާވެރިކަން ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 43ސ
ކުޑަދަރިފުޅަށް ބައްޕަގެ ލޯބިނުލިބޭތީ ދުޢާކުރުމުން ދަރިފުޅަށާ ބައްޕައަށް އުފާވެރިކަން ލިބުނު ގޮތުގެ ވާހަކަ-

ދަރިންނަށްޓަކައި މައިންބަފައިންކުރާ ދުޢާ ޢިޖާބަކުރައްވަވާނެކަމަށް އޮންނައިރު ދަރިންގެ ގާތުގައި އެކުދިންނަށް ބޭނުންވާ ކަންކަމަށް އެދިގެން ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރަން ބުނުމަކީ ކޮންކަހަލަ ކަމެއްތޯ؟  

ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ އެއީ ކުރެވޭނެ އެންމެ ރަނގަޅު ކަނަތައް ކަމުގައެވެ. ސަބަބަކީ އެކަމުގެ ސަބަބުން ކުއްޖާގެ ހިތުގައި ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިއިތުރުވެގެންދާނެތީއެވެ. ދުޢާކުރީމާ ޢިޖާބަކުރައްވަވާނެކަން ވިސްނުމުން ﷲ ތަޢާލާ އާއި ގުޅުން ބަދަހިކުރުމުގެ ޝައުޤުވެރިކަންވެސް އިތުރުވެގެންދާނެތީއެވެ. ނަމާދުކުރުމަށްވެސް ޝައުޤުވެރިވާނެތީއެވެ. މިފަދަ އެތައް ބައިވަރު ފައިދާތަކެއް ކުރާނެތީއެވެ.  

ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން މިކަންކަން ޔަޤީންކުރެއްވޭނެއެވެ. އިން ޝާ ﷲ  

ކޮންމެ ބެލެނިވެރިއަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއް ކަމަކީ އެމީހުންގެ ދަރިންނަކީ ތަޤްވާވެރި ހެޔޮލަފާ ކުދިންކަމުގައިވުމެވެ. އެހެނަސް ކުރަން އޮތް މަގުން އެކަމަށް މަސައްކަތްކުރަނީ މަދުބައެކެވެ. އެހެންކަމުން މިގެނެސްދެނީ ހަމަ ކޮންމެ ބެލެނިވެރިއަކަށްވެސް ވަރަށް މުހިންމު މެސެޖެއް ހިމެނޭ މުހިންމު ފިލާވަޅެކެވެ. އިން ޝާ ﷲ 

އެއީ އެހެންދީނެއްގެ ޢީދެކެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި އެ ޢީދާއި ގުޅޭ ގޮތަށް ހެދުން އަޅައި ތައްޔާރުވެގެން ޢީދުފާހަގަކުރުމުގެ ތެރެއިން އެމީހާ އެދޭ ކޮންމެވެސް އެއްކަމެއް އެމީހަކަށް ޙާޞިލްވާނެއެވެ.  

އަޅުގަނޑަކީ މުސްލިމަކަށްވާތީ އެމީހުންލާފަދަ ހެދުމެއް ނުލެވޭނެއެވެ. އެހެނަސް އަޅުގަނޑުވެސް ހުރީ ވަރަށް ބޮޑު ކަމަކަށް ބޭނުންވެގެންނެވެ. އެއީ ބައްޕަގެ ލޯބި ލިބުމެވެ.  

އަޅުގަނޑުގެ މަންމަ ނިޔާވީންސުރެ އަޅުގަނޑަކަށް ބައްޕަގެ ލޯތްބެއް ނުލިބެއެވެ. ބައްޕަގެ ޠަބީޢަތް ރަނގަޅުވާ ވަގުތެއް ނައުދެއެވެ. އެހެންވެ ބައްޕަގާތުން ކަމަކަށް އެދެން ބޭނުންވެގެން ބުނެވެނީވެސް ވަރަށް ދަތިޙާލުންނެވެ. ބުނެވުނަސް ގިނަ ފަހަރަށް ލިބޭނީ އިތުރަށް މާޔޫސްވާންޖެހޭނެ ފަދަ ޖަވާބެކެވެ!  

އެއިރު އަޅުގަނޑުގެ ޢުމުރަކީ އެންމެ 10 އަހަރެވެ. ވީމާ ދީންތަކާއިމެދު ވިސްނާކަށް ނުއެނގެއެވެ. އެހެން ދީންތަކުގެ ޢީދުތަކާއިބެހޭ ގޮތުން މައުލޫމާތު ހޯދިފައެއްވެސް ނުވެއެވެ. އެހެންވެ އަޅުގަނޑަށް ޤަބޫލުކުރެވިފައި އޮތީ އެރެއަކީ ކޮންމެ ދީނެއްގެ މީހަކު ކަމަކަށް އެދުނަސް ހިންމަވައި ދެއްވަވާނެ ރެއެއް ކަމަށެވެ.  

އަޅުގަނޑު ދިރިއުޅޭ ހިސާބަކީ ވަރަށް ފަޤީރު ސަރަހައްދެކެވެ. އެހެންވެ ގޭގައި ނަމާދުކުރުން އޮންނަނީ ވަރަށް ދަތިކަމަކަށްވެފައެވެ. އެއީ ގޭތެރޭގައި ޖާގަ ނުއޮންނާތީއެވެ. އެހެންވެ އަންހެނުން ނަމާދުކުރަނީ އެކަމަށް ހަދާފައި ހުންނަ ކުދިކުދި ނަމާދުގެތަކުގައެވެ.  

އެރޭގެ ޢިޝާނަމާދަށްފަހު އަޅުގަނޑު ދެއަތް އުފުލައި ރޮމުން ދުޢާކުރީމެވެ. އަޅުގަނޑުގެ ބައްޕައަކީ މަންމަ ދުނިޔޭގައި ހުރިއިރުވެސް އަޅުގަނޑު ދެކެ ލޯބިވީ ފަދައިން އަޅުގަނޑު ދެކެ ލޯބިވާ ބައްޕައަކަށް ބަދަލުކުރައްވަވައި ދެއްވެވުން އެދިއެވެ.  

ދުޢާކޮށް ނިމިގެން ފައިބަނިކޮށް މުސްކުޅި އުމުރުގެ އަންހެނަކު އަޅުގަނޑުގެ އަތުގައި ހިފައި އޭނާގެ މޭގައި އަޅުގަނޑުގެ ބޯ ޖައްސާލައި އަޅުގަނޑު ރޮމުން ދުޢާކުރި ކަމަކާއިބެހޭ ގޮތުން ސުވާލުކުރުމުން ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ.

އޭނާ ބުންޏެވެ. "މުސްލިމުން ދުޢާކުރާކަށް ވަކި ޢީދެއް ނޯވެއެވެ. ކަމަކަށް ބޭނުންވުމުން ކޮންމެ ވަގުތަކުވެސް ދުޢާކުރަންވީއެވެ. ﷲ އިރާދަކުރައްވަވައިފިނަމަ ވަގުތުންވެސް ޢިޖާބަކުރައްވަވާނެއެވެ. ގިނަގިނައިން ދުޢާކުރާށެވެ!"   

އެއިގެފަހުން އަޅުގަނޑު ވަރަށް ގިނައިން އެދުޢާކުރަމެވެ. ދުޢާކުރާތާ 7 ވަނަ ރޭ ހަމަ ކުރީރޭ މުސްކުޅި މީހާ ކަންތައްކުރިގޮތަށް މަންމަމެން ޢުމުރުގެ އަންހެނަކު ކަންތައް ކުރިއެވެ. އޭނާވެސް ސުވާލުކުރުމުން އަޅުގަނޑު ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ.  

އޭނާ އަޅުގަނޑުގެ އަތުގައި ހިފައިގެން ގެއަށް ގޮސް ބައްޕައާއި ވާހަކަދައްކަން ވަރަށް ގިނައިރު އިނެވެ. އޭނާ ބައްޕަ ގާތުގައި ދެއްކި ވާހަކައެއް ނުއެނގެއެވެ. ނަމަވެސް އެރެއިން ފެށިގެން ބައްޕަ އަޅުގަނޑާއިމެދު ބަދަލުވާން ފަށައިފިއެވެ. އަޅުގަނޑަށް ސަމާލުކަންދީ ލޯބިދޭން ފަށައިފިއެވެ.

އެއިގެފަހުން އޭނާ ކޮންމެ ރެއަކުހެން ގެއަށް އައިސް އަޅުގަނޑުގެ ޙާލުބަލައެވެ. ބައްޕަ އާއި ވާހަކަދައްކަން އިނދެއެވެ. ދުވަސްކޮޅެއްފަހުން އެދެމީހުން ކައިވެނިކޮށްފިއެވެ. ކައިވެންޏަށްފަހު މައަކު ފަދައިން އޭނާ އަޅުގަނޑަށް ލޯބިދެއެވެ. އަދި ބައްޕަގެ ލޯބިވެސް މާބޮޑުތަން އިތުރުވިއެވެ. އަޅުގަނޑު ކުރަމުން އައި ދުޢާ ﷲ ޢިޖާބަ ކުރެއްވެވީއެވެ. އެއިގެ ފަހުން މިއަދާއި ހަމައަށްވެސް ބައްޕަގެ ލޯބި ނުލިބިގެން އުޅޭކަށް އަޅުގަނޑަކަށް ނުޖެހެއެވެ.  

މިއީ މިޞުރުގެ ނޫހަކުން އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. ވާހަކަ ޝާއިޢުކޮށްައިވަނީ ޢިބްރަތްތެރި ވާހަކައެއްގެ ގޮތުގައެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ ވަރަށް ބޮޑު ބޭނުމަކުއެވެ. ބުނެލަން ބޭނުންވަނީ މަރުވާނެ ވަގުތު އެއްވެސް މީހަކަށް ނުއެނގޭއިރު ދަރިން ކިތަންމެ ކުޑަނަމަވެސް ތަޤްވާވެރިކަންމަތީގައި ތަރުބިއްޔަތުކުރަން މަސައްކަތްކުރާށެވެ!  

އެކުއްޖާއަށް ބައްލަޥާށެވެ! ކާފިރުން ލާފަދަ ހެދުން ނުލެވޭނެކަމާއި މުސްލިމުން ދުޢާކުރަންވީ ﷲ އަށްކަން އެކުއްޖާއަށް އެބައެނގެއެވެ. އަދި އެހައިކުޑައިރުވެސް އެހުރީ ނަމާދުކުރަން އާދަވެފައެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އެއީ އެހާކުޑައިރުވެސް އޭނާގެ މަންމަ އެގޮތަށް ދަރިފުޅު ތަރުބިއްޔަތުކޮށްފައިވާތީއެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން