އެންމެ އާދައިގެ ވަޒީފާއިން ފެށިގެން ސިފައިންނާ ފުލުހުންގެ އެންމެ މަތީ މަޤާމުތައް އަދާކުރައްވައި ޝަރަފްވެރިކަމާއިއެކު ރިޓަޔަރކުރެއްވެވި ޢަބްދުއްޝުކޫރު ޢަބްދުﷲ އަކީ ރައްޔިތުންގެ ލޯތްބާ އިތުބާރު ހޯއްދެވި އެންމެންނަށް ހިތްހެޔޮ، ޚިދުމަތްތެރި ރިވެތި އަޚްލާޤްގެ ނަމޫނާ ޝަޚްޞިއްޔަތެކެވެ. އެއްވެސް މީހެއްގެ ކިބައިން އެމަނިކުފާނާއި ބެހޭގޮތުން ހިތްބުރަ ކަމުގެ ބަހެއްވެސް އަޑުއިވިފައިނުވާކަން ފާހަގަކުރަންޖެހެއެވެ.
ޢަބްދުއްޝުކޫރު ޢަބްދުﷲ މިފަނާވަނިވި ދުނިޔެ ދޫކުރެއްވެވި ވާހަކައިގެ އަޑު އިވުމުން އެމަނިކުފާނު ދަންނަ އެންމެންވެސް ހިތާމަކުރާނެއެވެ. ހެޔޮދުޢާކުރާނެއެވެ. އެންމެ ބޮޑު ސަބަބަކީ އެމަނިކުފާނުގެ ރިވެތި ޚުލްޤެވެ.
ޝުކޫރު އަވަހާރި ޚަބަރާއި ގުޅިގެން ރާއްޖޭގެ ފުރަތަމަ ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރު ވިދާޅުވީ:
"އަޅުގަނޑާއި ޢަބްދުއްޝުކޫރު ޢަބްދުﷲ އަކީ ވަރަށް ކުޑަދުވަހުންސުރެ ވަރަށް އެކުގައި މަސައްކަތްކުރި ދެމީހުންނެވެ. ޝުކޫރަކީ އަބަދުވެސް ޤައުމަށް ޚިދުމަތްކުރަން އިސްކަންދެއްވައިގެން ވަރަށް ހީވާގިކަމާއިއެކު މަސައްކަތްކުރެއްވި ނަމޫނާ ބޭފުޅެކެވެ. މަސައްކަތަށް ފަރުވާތެރި، އަޚްލާޤީ ގޮތުންވެސް ނަމޫނާ ބޭފުޅެކެވެ. އަދި އެންމެންނަށްވެސް ހިތްހެޔޮ، ހިނިތުންވެ ހުންނަވައިގެން މީހުންނާއި ކުރިމަތިލައްވަވާ ބޭފުޅެކެވެ. އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮދުޢާ އަބަދުވެސް ވާނީ ޝުކޫރާއެކުގައެވެ."
މަޤާމުން ވަކިވެވަޑައިގަތުމަށްފަހުގައިވެސް ދެމިހުންނެވީ ޤައުމީ ޚިދުމަތުގައެވެ. ދުޅަހެޔޮ ޞިއްހަތުގައި ހުންނެވިއިރު މިސްކިތުގެ ޖަމާޢަތުން ބައްދަލުވެއެވެ.
އަޅުގަނޑަށް މުޅި ޢުމުރުގައިވެސް ރަސްމީ ކަމެއްގައި ޝުކޫރާއި މުޢާމަލާތުކުރަންޖެހުނީ އެންމެ ފަހަރަކުއެވެ. އެއީ ބަންދުވެސް ދުވަހެކެވެ. ގުޅަންޖެހުނީވެސް ހެނދުނު 7 ޖެހިތަނާއެވެ. ވަޤުތުން ފޯނު ނެންގެވިއެވެ. ވިދާޅުވީ ތިކަމާ ކަންބޮޑުނުވުމަށެވެ. ގޭގައި ހުންނަވައިގެންވެސް 5 މިނިޓްތެރޭގައި އެކަން ޙައްލުކޮށްދެއްވެވިއެވެ. މިހުންނަނީ އެދުވަސްވަރު ޢާންމުގޮތެއްގައި ވާނެ ކަންކަމެއް ނޫނެވެ.
ސުވަރުގޭގެ އެންމެ މަތީ ދަރަޖަތަކުގައި ގިނަވާނީ ﷲ ތަޢާލާއަށް ކިޔަމަންތެރި، ޚުލްޤް ރަނގަޅު މީހުންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ދުޢާއަކީ އެމަތިވެރި ދަރަޖަ ދެއްވަވާ އަޅުންގެތެރޭގައި ހިމެނި ޢަބްދުއްޝުކޫރު ޢަބްދުﷲ ގެ ފުރާނަފުޅަށް ސުވަރުގޭގެ އެންމެ މަތީދަރަޖަ މިންވަރުކުރެއްވެވުމެވެ. ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވަވާށި! އާމީން