ޓީބީ ބައްޔާ ބެހޭ ސައްޙަ މަޢުލޫމާތު ފެތުރުމާއި، ބަލިމީހާއާ މެދު ދެކޭ ނަޒަރިއްޔާ ބަދަލުކޮށް އޯގާތެރިކަން އިސްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ވިދާޅުވީ، ޓީބީ ބައްޔާ ގުޅިގެން ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ، މިއީ ހަމައެކަނި ތަފާސްހިސާބުތަކުން ދައްކާލާ އަދަދުތަކެއް ނޫން ކަމަށެވެ. މި ބަލިޖެހޭ ކޮންމެ މީހަކީވެސް އެމީހެއްގެ އާންމު ދިރިއުޅުމުގެ މަސައްކަތްތަކަށް ބުރޫއަރައި، އާއިލާއަށް އޭގެ ނޭދެވޭ އަސަރުކޮށް، ކުރިމަގަށް ރާވާފައިވާ ކަންކަން މެދުކަނޑާލަން ޖެހިފައިވާ މީހެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ރައްކާތެރިވެވޭނެ ގޮތާއި ފަރުވާ އެނގޭ ބައްޔެއްގެ ސަބަބުން އެއްވެސް މީހަކު އިތުރަށް ތަކުލީފު އުފުލަން ނުޖެހޭނެކަން ކަށަވަރު ކުރެވޭނެކަމަށްވެސް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ. އެކަމަނާ ވަނީ ބަލިމީހުންނަށް ބޭނުންވާ ނަފްސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ޓީބީ ނުވަތަ ކާސި ބައްޔަކީ ރާއްޖެއިން ނައްތާލުމަށް ސަރުކާރުން ބޮޑު އިސްކަމެއްދޭ ބައްޔެކެވެ. މިގޮތުން، ޓީބީ ބައްޔާ ދެކޮޅަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ އާއި ގުޅިގެން ދިވެހިރާއްޖެއިން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަމާޒަކީ ރާއްޖެއިން މި ބަލި އެއްކޮށް ފޮހެލައި، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމެވެ.