އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅޭގޮތުން ރައްޔިތުންނަށް އިލްމީ އަދި ފަންނީ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި "ސިޔާސާތު ޚާއްސަ"ގެ ނަމުގައި ހާއްސަ ފޯރަމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ޕޮލިސީ އެމްވީން އިސްނަގައިގެން ބާއްވާ މި ފޯރަމަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް ގެނެވޭ 8 ވަނަ އިސްލާޙުގެ ސަބަބުން ދައުލަތަށާއި ޤައުމަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ހޯދައިދިނުމަށް ބާއްވާ ހަރަކާތެކެވެ. މި ފޯރަމް އޮންނާނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައެވެ. މި ފޯރަމް ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ޤާނޫނީ އަދި ދުސްތޫރީ ނަޒަރިއްޔާތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހަޅާފައިވާ ސުވާލަށެވެ. މި މައުޟޫއަށް މައުލޫމާތު ދެއްވާނީ ޤާނޫނީ ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ދެ ބޭފުޅުން ކަމަށްވާ އަލްއުސްތާޛާ ދިޔާނާ ސަޢީދާއި އަލްއުސްތާޛް އަލީ ހުސައިނެވެ.
މީގެ އިތުރުން، މާލީ ނިޒާމާއި ދައުލަތް ހިންގުމުގެ ދާއިރާއިން މި އިސްލާޙުގެ ސަބަބުން ކުރާނެ އަސަރުތަކާ ގުޅޭގޮތުން ވެސް ފޯރަމުގައި މަޝްވަރާ ކުރެވޭނެއެވެ. މި ބައިގައި މައުލޫމާތު ހިއްސާކުރައްވާނީ ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރާއި އަޙްމަދު މުޙަންމަދެވެ.
ޕޮލިސީ އެމްވީން ބުނި ގޮތުގައި، މި ފޯރަމުގެ ތެރެއިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ދެ ޖީލެއްގެ ޚިޔާލު ވެސް ގެނެސްދިނުމަށް ވަނީ ނިންމާފައެވެ. މިއީ މިފަދަ މުހިންމު ދުސްތޫރީ ބަދަލަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވައި، އިލްމީ މައުލޫމާތުގެ އަލީގައި ގޮތް ނިންމުމަށް މަގުފަހިކޮށްދިނުމަށް ބާއްވާ ފޯރަމެކެވެ.