ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ޤާއިމްކޮށްފައިވާ މައި ނެޓްވޯކްގެ ތެރެއަށް، ރާއްޖޭގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުސަތު މިހާރު ފަހިވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖޭގައި އޮންނަ ބައިނަލްއަޤުވާމީ ތިން ބަނދަރު ކަމަށްވާ މާލޭ ވިޔަފާރި ބަނދަރު، ކުޅުދުއްފުށި ޕޯޓު އަދި އައްޑޫ ސިޓީ ވިޔަފާރި ބަނދަރު ލޮޖިސްޓިކަލީ ގުޅުވައިދޭނެ މައި ނެޓްވޯކެއް "އެންކާ" (ENCA) ގެ ނަމުގައި މިހާރު ހިންގަމުންދާ ކަމަށެވެ. މި ނެޓްވޯކްގެ ތެރެއިން އަމިއްލަ ކުންފުނިތަކަށް ވިޔަފާރީގެ ފުޅާ ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން (ފުޑް ސެކިއުރިޓީ) ކަށަވަރުކުރުމަށް މި ނެޓްވޯކަކީ ނުހަނު މުހިންމު ދައުރެއް އަދާކުރާ ނިޒާމެއްކަން ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ހާލަތާ ގުޅިގެން، ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދަ ހަރުދަނާ ލޮޖިސްޓިކްސް ނިޒާމެއްގެ ބޭނުންތެރިކަން ކުރިއަށްވުރެ ބޮޑުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަމިއްލަ ފަރާތްތަކަށް މި ނެޓްވޯކްގެ ތެރެއިން ފުރުޞަތު ދިން ނަމަވެސް، މި ނިޒާމު ހިންގުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިސްދައުރެއް އަދާކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ ކޮންމެފަދަ ދަނޑިވަޅެއްގައިވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ހުއްޓުމެއްނެތި ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ސިޔާސަތަކަށް ވާތީ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ނޭޝަނަލް ސްޓޯރޭޖް ކެޕޭސިޓީ ނުވަތަ މުދާ ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން މިހާރު ބާރުމިނުގައި ކުރިއަށްގެންދާ ކަމަށްވެސް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.