ފްލޯޓިން ސޯލަރ މަޝްރޫޢު ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ: ވަޒީރު ޠާރިޤު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ފްލޯޓިން ސޯލަރ މަޝްރޫޢު ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ: ވަޒީރު ޠާރިޤު

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޤާނޫނުގެ ދަށުން ރާއްޖޭގައި ހިންގާ ފުރަތަމަ މަޝްރޫޢު ކަމުގައިވާ ފްލޯޓިން ސޯލަރ މަޝްރޫޢުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤު ވިދާޅުވީ، މާލެ ސަރަހައްދުގައި ޤާއިމްކުރާ "ސޯލާ ސިޓީ" އަކީ ސަރުކާރުގެ އެސްއީޒެޑް މަޝްރޫޢުތަކުގެ ތެރެއިން އެންމެ އިސްކަންދޭ އެއް މަސައްކަތް ކަމަށެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލެ ސަރަހައްދުގައި ހިމެނޭ ކުޑަބަނޑޮހުގެ އިރުން އޮތް ކަނޑުގެ ސަރަހައްދުގައެވެ.

މި މަޝްރޫޢުގެ މަސައްކަތް މިހާރު ބާރުމިނެއްގައި ކުރިއަށްދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މަޝްރޫޢަށް ބޭނުންވާ ހުއްދަތައް މިހާރު ދެވިފައިވާ ކަމަށާއި، މަސައްކަތް ކުރިއަށްދާނީ ތަފާތު އެކި ފިޔަވަހިތަކަށް ބަހާލައިގެން ކަމަށެވެ.

މި މަޝްރޫޢުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. "މި ސިސްޓަމަކީ ޔޫޓިލިޓީ ސްކޭލް ސިސްޓަމެއް. ރާއްޖޭގައި މިހާރުވެސް ކަރަންޓު އުފައްދަނީ ވަރަށް ބޮޑު ސަބްސިޑީ ދީގެން. މި ޕްރޮޖެކްޓުގެ ސަބަބުން އެނާޖީ ސެކިއުރިޓީ ލިބިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު މާލޭގެ ކަރަންޓު ލޯޑަކީ ގާތްގަނޑަކަށް 120 މެގަވޯޓެވެ. އަދި މި އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، މިފަދަ ބޮޑު ސޯލަރ މަޝްރޫޢެއްގެ ސަބަބުން ތެލަށް ބަރާސާވާ މިންވަރު ކުޑަވެ، އިޤްތިޞާދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށެވެ. މި "ސޯލާ ސިޓީ" މަޝްރޫޢަކީ އެ އަމާޒަށް ވާޞިލްވުމަށްޓަކައި އެޅޭ އެންމެ ބޮޑު އެއް ފިޔަވަޅެވެ.

މިއަދު އޮންލައިން