ރާއްޖެއަށް މުދާ ގެނައުމަށް އިތުރު މާކެޓުތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު ސައީދު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ
ރާއްޖެއަށް މުދާ ގެނައުމަށް އިތުރު މާކެޓުތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު ސައީދު

ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލާއި ކާބޯތަކެތި އެތެރެކުރުމުގައި މިހާރު ބަރޯސާވާ މާކެޓުތަކުގެ އިތުރުން، އައު މާކެޓުތައް ހޯދައި އެ ތަންތަނުން މުދާ ގެނައުމުގެ މަސައްކަތް ސަރުކާރުން ބާރުމިނުގައި ކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖެއަށް މުދާ އެތެރެކުރުމާއި ކާބޯތަކެތީގެ ރައްކާތެރިކަން (ފުޑް ސެކިއުރިޓީ) ކަށަވަރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ބައިނަލްއަޤްވާމީ މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖެއަށް އަސާސީ ކާބޯތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ބައެއް ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ވަޒީރު ވަނީ ރައްދު ދެއްވާފައެވެ. ވަޒީރު ވިދާޅުވީ، ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެތި އެއްވެސް މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

މިގޮތުން ކުރިން މުދާ ނުގެންނަ އައު މާކެޓުތަކަށް ސަރުކާރުން އަމާޒު ހިފާފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، "މީގެ ކުރިން މަސައްކަތް ނުކުރާ އެހެން މާކެޓްތަކާއި އެއްކޮށްވެސް މަސައްކަތް އެބަ ކުރަން. މިސާލަކަށް އެފްރިކާގެ ބައެއް ޤައުމުތަކާއި އެއްކޮށްވެސް ކަންކަމުގައި ކުރިއަށްދާން ވިސްނަން،" ކަމަށެވެ.

މީގެ އިތުރުން، އައު މާކެޓުތަކުން މުދާ ގެނައުމަށްޓަކައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރަން ޖެހޭކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ކަނޑުމަގުންނާއި ވައިގެމަގުން އައު ލިންކުތަކެއް އުފެއްދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓާ ގުޅިގެން ކުރިއަށްދާ ކަމަށެވެ.

"އެފްރިކާގެ ވަރަށް ފުޅާ އޭވިއޭޝަން ނެޓްވޯކުތައް އެބަހުރި. އެ ނެޓްވޯކްތަކުން ރާއްޖެއަށް ކަނެކްޝަން ފެށޭކަމުގައިވާނަމަ އެކަމުން އުފެދޭނެތާ ސްޕޭސް. އެއަރލައިންތަކުން ކާގޯ ސްޕޭސްކަމުގައިވިއަސް. އެ ދެބައި އެއްކޮށްދިޔާމަ ސަސްޓެއިންކުރަން ފަސޭހަވާނެ،" ވަޒީރު ސަޢީދު އިތުރަށް ތަފްޞީލުކޮށްދެއްވިއެވެ.

ސަރުކާރުގެ މި އަމާޒަކީ ރާއްޖެއަށް ބޭނުންވާ މުދާ އެތެރެކުރުމުގައި ވަކި ޤައުމަކަށް ބަރޯސާވުން ކުޑަކޮށް، އިޤްތިޞާދީ ގޮތުން ރާއްޖޭގެ ފުދުންތެރިކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

މިއަދު އޮންލައިން