ރާއްޖެއަށް ތެޔޮ އެތެރެކުރުމަށްޓަކައި ނިމިދިޔަ 2025 ވަނަ އަހަރުގެ ތެރޭގައި 10 ބިލިއަން ދިވެހި ރުފިޔާ ހަރަދުވެފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް ހާމަކުރައްވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ތޯރިގު ވިދާޅުވީ، ތެލަށް ކުރި މި ބޮޑު ހަރަދަކީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ (ޖީ.ޑީ.ޕީ) ގާތްގަނޑަކަށް ދިހަ އިންސައްތަ ކަމަށެވެ. އަދި މިއީ ބޭރު ފައިސާއަށް ބަދަލުކުރުމަށްފަހު ރާއްޖެއިން ބޭރަށް ދިޔަ ފައިސާކަން ފާހަގަކުރައްވައި، މި ބަރޯސާވުން ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިއްމު އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ހަކަތައިގެ ހާލަތުގެ ތަފުސީލުތައް ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކުގެ އިތުރުން ސިނާއީ ރަށްތަކުގައިވެސް ކަރަންޓު އުފެއްދުމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ތެޔޮ ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި 310 މެގަވޯޓުގެ އިންޖީނު، ރިސޯޓުތަކުގައި 298 މެގަވޯޓު، އަދި ސިނާއީ ރަށްތަކުގައި 30 މެގަވޯޓުގެ އިންޖީނު ބޭނުންކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މީހުން ދިރިއުޅޭ ރަށްރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް އެކަނިވެސް ދުވާލަކު 7,965 ފީފާ ޑީސަލް ބޭނުންވެއެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާއިރު 2,907,225 ފީފާ ޑީސަލެވެ. އަދި ރިސޯޓުތަކަށްވެސް ގާތްގަނޑަކަށް މި މިންވަރަށް ޑީސަލް ބޭނުންވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ދަނީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ މައިގަނޑު ބޭނުމަކީ ގައުމުން ބޭރަށް ދާ ބޭރު ފައިސާ ހިފެހެއްޓުމާއި، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ހަކަތަ އުފެއްދުން އިތުރުކުރުމެވެ.