ޕަބްލިކް ވޯކްސް ޔުނިޓްތައް ތަރައްޤީކުރުމަށް ބޭނުންވާ ތަކެތީގެ ތަފްސީލް ފިނޭނެސް މިނިސްޓްރީއަށް ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 56ސ
ޕަބްލިކް ވޯކްސް ޔުނިޓްތައް ތަރައްޤީކުރުމަށް ބޭނުންވާ ތަކެތީގެ ތަފްސީލް ފިނޭނެސް މިނިސްޓްރީއަށް ހުށަހަޅައިފި

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕަބްލިކް ވޯކްސް ޔުނިޓްތައް ތަރައްޤީކުރުމަށް ބޭނުންވާ އިމާރާތްތަކާއި ތަކެތި ހޯދުމަށް ހިނގާނެ ޚަރަދުގެ ތަފްސީލްތައް މިނިސްޓްރީ އޮފް ފިނޭނެސްއަށް ހުށަހަޅާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ 19 ރަށެއްގައި ޕަބްލިކް ވޯކްސް ޔުނިޓްތައް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޔުނިޓްތަކުގެ ޢަމަލީ މަސައްކަތްތައް ރަށްރަށުގައި ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގެ ޔަޤީންކަންވެސް ވަޒީރު ދެއްވިއެވެ.

މި މަޝްރޫޢަކީ ރަށްރަށުގައި ދެވޭ އާއްމު ޚިދުމަތްތަކުގެ މެއިންޓަނަންސް މަސައްކަތްތަކަށް ހިނގާ ޚަރަދު ކުޑަކުރުމުގެ މަޤްޞަދުގައި ސަރުކާރުން ފަށާ މުހިންމު މަސައްކަތެކެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިހާރު އޮންނަ އުޞޫލުން ކޮންމެ މަސައްކަތެއް ކުރަން ޖެހުނަސް، އެކަމަށް ބޭނުންވާ މެޝިނަރީއާއި ޓެކްނިކަލް މީހުން ގެންދަން ޖެހެނީ މާލެއިންނެވެ. ނަމަވެސް މި ޔުނިޓްތައް ޤާއިމުވުމުން، އަތޮޅުތެރޭގައި މި ޚިދުމަތްތައް އަވަހަށް އަދި ޚަރަދު ކުޑަކޮށް ލިބޭނެ މަގު ފަހިވެގެންދާނެއެވެ.

ޕަބްލިކް ވޯކްސް ޔުނިޓްތައް ހަދާ ރަށްތަކުގައި މިކަމަށް ބޭނުންވާ އިދާރީ އިމާރާތާއި، ހެވީ ވެހިކަލްތަކާއި މެޝިނަރީ ބެހެއްޓުމަށް ބޭނުންވާ ބިންތައް މިހާރު ހުރިހާ ރަށެއްގައިވެސް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޕަބްލިކް ވޯކްސް ޔުނިޓްތައް ޤާއިމުކުރާ ރަށްތަކަކީ:ހއ. ދިއްދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ނ. މަނަދޫ، ރ. މާކުރަތު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ތުލުސްދު، އއ. ރަސްދޫ، އދ. މަހިބަދޫ، އދ. މާމިގިލި، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ތ. ވިލުފުށި، ލ. ގަން، އަދި ގއ. ވިލިނގިއްޔެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ރަށްރަށުގެ ތަރައްޤީއަށާއި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން