އަތޮޅު އޮފީސްތައް އުވާލުމަށް ނިންމި ނަމަވެސް، ރަށްރަށާއި އަތޮޅުތަކުގެ ރައްޔިތުންނަށް ލިބެމުންދާ ޚިދުމަތްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތަށް މަސައްކަތްތައް ބައްޓަންކުރައްވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު އެ އިދާރާތަކުގައި ދެން ގާއިމުކުރާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ގޮފިތަކެއް ކަމަށެވެ. މި ބަދަލާއެކުވެސް އޮފީސްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
"އަތޮޅު ކައުންސިލްތަކާއި އޮފީސްތައް އުވާލިނަމަވެސް، އޮފީހުގެ ޚިދުމަތްތަކަށް ބަދަލެއް ނާންނާނެ. އަތޮޅު އޮފީސް އުވާލުމަށްފަހު، ދެން އެތަންތަން ޤާއިމުކުރާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ގޮފިތަކެއްގެ ގޮތުގައި،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މި އިދާރީ ބަދަލުގެ ސަބަބުން މިހާރު ތިބި މުވައްޒަފުންނަށް ވަޒީފާގެ އެއްވެސް ގޮންޖެހުމެއް ކުރިމަތިނުވާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ އިދާރީ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް މެދުނުކެނޑި، މިހާރަށްވުރެ ފުރިހަމައަށް ކުރިއަށް ގެންދިއުން ކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ނިންމުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި، އިދާރީ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނައުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅުއްވި ފިޔަވަޅެކެވެ.