ސަރުކާރު ޓެކްސީ ލައިންގައި ބޭނުންކުރާނެ ކާރުތައް ގެންނަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ސަރުކާރު ޓެކްސީ ލައިންގައި ބޭނުންކުރާނެ ކާރުތައް ގެންނަން ފަށައިފި

މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަލަށް ފެށުމަށް ނިންމާފައިވާ "މާލެ ޓެކްސީ" ލައިންގައި ބޭނުންކުރާނެ ކާރުތައް ރާއްޖެ ގެންނަން ފަށައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ގެންނަ ކާރުތަކުގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ހުޅުމާލެ ޕޯޓަށް ބާލާފައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ޕޯޓަށް ގެނައި ކާރުތައް ބޭލުމުގެ މަސައްކަތް މިހާރު ބާރުލާފައި ކުރިއަށްދާ ކަމަށެވެ.

މި ފުރަތަމަ ޝިޕްމަންޓްގައި ޖުމްލަ 60 ކާރު ވަނީ ރާއްޖެ ގެނެސްފައެވެ. ސަރުކާރުގެ އަމާޒަކީ މި ޚިދުމަތް ފެށުމުގެ ފުރަތަމަ މަރުހަލާގައި ޖުމްލަ 150 ކާރު ބޭނުންކުރުމެވެ. އެގޮތުން، ބާކީ އޮތް 90 ކާރު ހިމެނޭ ދެވަނަ ޝިޕްމަންޓް މި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

މި ޓެކްސީ ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ތަފާތު ތިން މޮޑެލެއްގެ ކާރުތަކެވެ. މީގެ ތެރެއިން އެއް މޮޑެލްގެ ކާރުތައް ތައިލެންޑުން ގެންނައިރު، އަނެއް ދެ މޮޑެލްގެ ކާރުތައް ގެންނަނީ ޗައިނާއިންނެވެ. ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ، ކާރުތައް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ ދެ ބެޗަކަށް ބަހާލައިގެން ކަމަށާއި، މިހާރު ކުރިއަށްދަނީ އޭގެ ތެރެއިން ފުރަތަމަ ބެޗުގެ މަސައްކަތްތައް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަޢާރަފުކުރާ މި "މާލެ ޓެކްސީ" ޚިދުމަތަކީ މާލެއާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން، ރައްޔިތުންނަށް ފަސޭހަކަމާއެކު އިތުބާރު ހުރި ޓެކްސީގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ފަށާ މުހިންމު މަޝްރޫޢެކެވެ. މި ޚިދުމަތާއެކު މާލެ ސަރަހައްދުގެ ޓެކްސީގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން