ހުއްދަ ހޯދަން ޖެހޭ ރާއްޖޭގެ ވައިގެ ސަރަޙައްދުގެ މައުލޫމާތު ދިފާޢީ ވުޒާރާއިން ސާފުކޮށްދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
ހުއްދަ ހޯދަން ޖެހޭ ރާއްޖޭގެ ވައިގެ ސަރަޙައްދުގެ މައުލޫމާތު ދިފާޢީ ވުޒާރާއިން ސާފުކޮށްދީފި

ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ އަދި ވަނުމުގެ ކުރިން ހުއްދަ ހޯދަންޖެހޭ ވައިގެ ސަރަޙައްދުތަކަކީ ކޮބައިކަން ހާމަކޮށް، އެކަމުގެ ތަފްޞީލީ މަޢުލޫމާތު މިނިސްޓްރީ އޮފް ޑިފެންސުން މިއަދު ސާފުކޮށްދީފިއެވެ.

ދިފާޢީ ވުޒާރާ އިން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޤައުމުތަކުގެ ކަނޑުގެ ސަރަޙައްދުތައް ކަނޑައެޅިފައިވާ ގޮތާއި، އެ ސަރަޙައްދުތަކުގައި ލިބިދޭ ޢާންމު ޙައްޤުތަކާއި ޒިންމާތައް ބަޔާންކުރާ ބައިނަލްއަޤްވާމީ މުޢާޙަދާއަކީ 'ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯވ އޮފް ދަ ސީ' (އަންކްލޯސް) ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި ރާއްޖެއަށް ލިބިދޭ ޙައްޤުތަކާއި އިޚްތިޔާރުތައް ބަޔާންކުރާ ޤާނޫނަކީ 'ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނު' ކަން އެ ވުޒާރާއިން ވަނީ ހަނދާންކޮށްދީފައެވެ.

ރާއްޖޭގެ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުން، ދިވެހިރާއްޖޭގެ ބިމާއި ބިމާ ގުޅިފައިވާ ވައިގެ ސަރަޙައްދުގެ އިތުރަށް، ރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަޙައްދީ ކަނޑާއި، މި ކަނޑުތަކުގެ އަޑީގައިވާ ފަސްގަނޑަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ތަންތަނެވެ. މީގެ އިތުރުން މި ކަނޑުތަކާ ގުޅިފައިވާ ވައިގެ ސަރަޙައްދަކީ ވެސް ދިވެހިރާއްޖޭގެ ފުރިހަމަ ސިޔާދަތީ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކެއް ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވިއެވެ.

ވައިގެ ދަތުރުފަތުރުގެ ބައިނަލްއަޤްވާމީ އުޞޫލުތަކަށް އަލިއަޅުވާލަމުން އެ ވުޒާރާއިން ބުނީ، 'ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން' (ޗިކާގޯ ކޮންވެންޝަން) ގައި ބަޔާންކުރާ ގޮތުން، ޤައުމުތަކުގެ ސަރަޙައްދީ ކަނޑާއި ގުޅިފައިވާ ވައިގެ ސަރަޙައްދަކީ އެ ޤައުމެއްގެ ސިޔާދަތީ ބާރު ހިނގާ ސަރަޙައްދެއް ކަމަށެވެ. އެހެންކަމުން އެ ސަރަޙައްދަށް ވަނުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދުމަކީ ލާޒިމު ކަމެކެވެ.

ނަމަވެސް، މި ސަރަޙައްދުތަކަށްވުރެ ބޭރުގައިވާ ވައިގެ ސަރަޙައްދަކީ 'އިންޓަރނޭޝަނަލް އެއަރސްޕޭސް' ނުވަތަ ބައިނަލްއަޤްވާމީ ވައިގެ ސަރަޙައްދު ކަމުގައިވެސް ދިފާޢީ ވުޒާރާގެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.

ސަރުކާރުން މި މަޢުލޫމާތުތައް އާންމުކޮށްފައި މިވަނީ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކަންދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ދަނޑިވަޅެއްގައެވެ.

މިއަދު އޮންލައިން