ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗެއް ހުޅުވުމުގެ މަސައްކަތް ފަށައި، އެކަމަށް ބޭނުންވާ ލައިސަންސް ހޯދުމަށް ލަންކާގެ ސެންޓްރަލް ބޭންކަށް މިހާރު ހުށަހަޅާފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ، ލަންކާގައި ބްރާންޗެއް ހުޅުވުމަށް ބޭނުންވާ ޕްރޮޕޯސަލްތައް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. މިއީ ބީއެމްއެލްގެ ޚިދުމަތްތައް ރާއްޖެއިން ބޭރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެކެވެ.
ރާއްޖެއިން ބޭރުގައި ބޭންކެއްގެ ބްރާންޗެއް ހުޅުވުމުގައި ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ، ލަންކާގެ އިތުރުން އެހެން ހިސާބުތަކުގައި ވެސް ބްރާންޗްތައް ހުޅުވާއިރު ބޭންކުގެ ރައުސުލްމާލު ވަރުގަދަވާން ޖެހޭނެ ކަމަށެވެ. ބޭންކުގެ ކެޕިޓަލް މިހާރު 16 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، ބައިނަލްއަޤްވާމީ މާކެޓަށް ނިކުންނައިރު އެއަށްވުރެ ވެސް ކެޕިޓަލް ރަނގަޅުވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، "ބޭރު ގައުމުތަކުގައި ކެޕިޓަލް ރިކުއާމެންޓް ފުދޭ ވަރަކަށް ބޮޑު ދެއްތޯ. ދެން ރެޕް އޮފީހެއް ކަހަލަ ތަނެއް ހުރެދާނެ. އެކަމަކު އަޅުގަނޑުމެންނަށް ސްރީ ލަންކާގައި ބްރާންޗެއް ހުޅުވިދާނެ ކަމަށް ގަބޫލުކުރެވޭތީ ބްރާންޗެއް ހުޅުވަން އަޅުގަނޑުމެން ލައިސެންސަށް އެދިފަ ވާނީ، އަޅުގަނޑުމެން ޕްރޮޕޯސަލްތައް ހުށަހަޅާފަ މިހާރު ވާނީ."
މި ނިންމުމަކީ ބޭންކް އޮފް މޯލްޑިވްސްގެ ވިޔަފާރި ފުޅާކޮށް، ސަރަޙައްދީ ފެންވަރުގައި ބޭންކުގެ ދައުރު އިތުރުކުރުމަށް ކުރެވޭ އުންމީދީ މަސައްކަތެއްގެ ގޮތުގައި ބެލެވެއެވެ.