ނިކަމެތި ޙާލުގައި ތިބޭ ކުދިން ފެނުމުންވެސް ރަޙުމް ނުކުރާ މީހުން އުޅެއެވެ. ހަމަ އެފަދައިން އެފަދަ ކުދިން ފެނުމުން ރަޙުމްކޮށް އެހީތެރިވާ މީހުންވެސް އުޅެއެވެ. ޔަޤީންވާ ކަމަކީ ކުއްޖަކަށް ރަޙުމްކޮށްފިނަމަ އެކަމުގެ އަގު މާތް ﷲ ދެއްވަވާނެ ކަމެވެ. ޚާއްޞަކޮށް ތުއްތު ކުދިންނަށް ރަޙުމްކުރުމުންނެވެ.
ހެޔޮ ޢަމަލެއް ކޮށްފިނަމަ އެކަމުގެ ބަދަލު ﷲ ތަޢާލާ ދެއްވަވާނެކަން އެއީ ޝައްކުކުރަްނޖެހޭ ކަމެއް ނޫނެވެ. މާބޮޑަށް ޔަޤީންވާ ކަމެކެވެ. ބައެއް މީހުންނަށް މިދުނިޔޭގައިވެސް ދެއްވަވަތެވެ. މިދުނިޔޭގައި ނުދެއްވެވިޔަސް އާޚިރަތް ދުވަހު ދެއްވަވާނެކަން އެއީ އެންމެ ޔަޤީންކަންތަކެވެ. އަދި ދުނިޔެއާއި އާޚިރަތުގައިވެސް ދެއްވަވަތެވެ. އެކަމުގެ ޙިކުމަތް މޮޅަށް ދެނެވޮޑިގެންވަނީވެސް ﷲ ތަޢާލާއެވެ.
ހެޔޮ ކަމެއް ކުރުމުން ފަހަރެއްގައި ކަންކަން ދިމާވާ ގޮތަކުން ތަކްލީފް އުފުލަންވެސް ޖެހެއެވެ. އެކަންވެސް މިންވަރުކުރައްވަވަނީ ހަމަ ﷲ ތަޢާލާއެވެ. ކެތްތެރިވެލުމުން ރަޙްމަތް ލައްވަވަނީވެސް ހަމަ ﷲ ތަޢާލާއެވެ. ވަކީލްކުރާ އަޅަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވަވާނެކަން އެނގިގެންދާ މިވާހަކައަކީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. އިން ޝާ ﷲ. ވިދާޅުވެލައްވާށެވެ!
ޖީޒާއަކީ ފަޤީރުން ދިރިއުޅޭ ސަރަހައްދެއްގައި ހުރި ކުޑަކުޑަ ޖިފުޓިއެއްގައި އެކަނި ދިރިއުޅުނު އަންހެން ކުއްޖެކެވެ. އާދައިގެމަތިން ކާނެ އެއްޗެއް ލިބޭތޯ މީހުން ކުނި އުކައިލާ ސަރަހައްދަކަށް ދިއަތަނާ އިވުނީ ކުނިތަކުގެތެރެއިން ތުއްތުކުއްޖަކު ރޯއަޑެވެ.
އެކުއްޖާ ފެނޭތޯ ކުނިތައް ހާވަމުން ދަނިކޮށް ފެނުނީ ބިންމަތީގައި ބާއްވާފައި އޮތް ކުޑަކުއްޖެކެވެ. ކުއްޖާގެ ގައިމައްޗަށްވަނީ ކުނިތައް އަޅައި ނުފެންވަރުކޮށްފައެވެ. ޖީޒާ އަވަސް އަވަހަށް ކުއްޖާ ނަގައިގެން އޭނާގެ ޖިފުޓިއަށް ގެންދިއައެވެ. އަދި އެކުއްޖާ ބެލެހެއްޓުމަށްފަހު އަނެއްދުވަހު ކުއްޖާ ގޮވައިގެން ފުލުހުންގެ މަރުކަޒަކަށް ގެންގޮސް ކަންތައް ހިނގިގޮތް ކިޔައިދިނެވެ.
ފުލުހުން ބުނީ އެކުއްޖާ ގެއްލިގެން އިއްޔެ ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުން އެދެމަފިރިންނަށް ގުޅައިގެން ގެނެސް ކުއްޖާ ޙަވާލުކުރަން އުޅުމުން ކުއްޖާގެ މަންމަ އުޅުނީ ދަރިފުޅު ވަގަށް ނެގީ ޖީޒާކަމަށް ހަދާށެވެ. ނަމަވެސް އަނބިމީހާ ކުރިން ފުލުހުންނަށް ދިން ބަޔާނުގައިވާ ވާހަކަތަކާއި ފަހުން ދެއްކި ވާހަކަތައް ދިމާނުވުމުން ފުލުހުން އޭނާ ދެއްކި ވާހަކަތައް ޤަބޫލެއް ނުކުރިއެވެ. އެހެންކަމާއިއެކުވެސް ތަޙްޤީޤް ނިމެންދެން ކަމަށްބުނެ ޖީޒާ ފުލުހުންގެ ބެލުމުގެދަށުގައި ބޭންދިއެވެ.
ޖީޒާ ފުލުހުންގެ ބެލުމުގެދަށުގައި އިންނަތާ ހަފްތާއެއްވީ ދުވަހު އެކުއްޖާގެ ބައްޕަ އައިސް ބުނީ ދަރިފުޅު ގެއްލުވާލަން މަސައްކަތްކުރީ އޭނާގެ އަނބިމީހާ (ކުއްޖާގެ މަންމަ) ކަމަށް ޤަބޫލުކުރާ ކަމަށެވެ. އޭނާގެ އަނބިމީހާ ފިލީ ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނަގައިގެން ކަމަށާއި އެރޭ އަހަރެންދެކެ ވެސް ދަރިފުޅު ދެކެވެސް ލޯބިނުވާކަމަށްވެސް ބުނެފައިވާ ކަމަށެވެ. އޭނާ ޖީޒާ ގާތުގައި ބުނީ ދަރިފުޅު ބަލައިދޭން އޭނާގެ ގޭގައި އިނދެދިނުމަށް އެދޭކަމަށާއި މުސާރަވެސް ދޭނެ ކަމަށެވެ.
ޖިޒާއަކީ ވަރަށް ނިކަމެތި ޙާލުގައި ދިރިއުޅެމުން އަންނަ އަންހެނަކަށްވާތީ ލިބުނު ފުރުޞަތުގެ ބޭނުން ހިފިއެވެ. އޭނާ އާއިއެކު އެގެއަށް ދިއައިރު ގެންގުޅޭ ނޯކަރުން އުޅެނީ ކުއްޖާގެ ރުއިން ނުހުއްޓުވިގެންނެވެ. ޖީޒާ ކުއްޖާ އުރައިލުމާއިއެކު ރުއިން ހުއްޓާލައި ނިދައިފިއެވެ. ހީވަނީ އަމިއްލަ މަންމަގެ ގާތަށްދެވުމުން ކުއްޖާއަށް ހަމަޖެހުން ލިބުނުހެންނެވެ.
ޖީޒާއަކީ ކިތަންމެ ފަޤީރުވެފައި ނިކަމެތި ނަމަވެސް ޖީޒާގެ ހަރުދަނާ ދިރިއުޅުމަށް ބަލައި އަދި ދަރިފުޅު ބަލަން ޖީޒާ ބަހައްޓާ ފަރުވާތެރިކަމަށާއި ދޭ ސަމާލުކަމަށް ބަލައި ދުވަސްކޮޅެއް ފަހުން ކުއްޖާގެ ބައްޕަ ޖީޒާގެ ކިބައިން އެދުނީ އޭނާ އާއި ކައިވެނިކުރުމަށެވެ. އެއީ ދަރިފުޅުދެކެ ލޯބިވާ ދެވަނަ މަންމައެއް ހޯދައިދިނުމުގެ ބޭނުމުގައެވެ. ޖީޒާ އެކަންވެސް ޤަބޫލުކޮށް ކައިވެނިކުރުމުން އުފާވެރި ދިރިއުޅުމެއް ލިބުނެވެ.
މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑު ބުނެލަން ބޭނުންވަނީ ކުޑަކުދިންދެކެ ލޯބިވާށެވެ! އެކުދިންނަށް ލޯބިދޭށެވެ. އެމީހަކަށް ﷲ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެއެވެ.
އަޅުގަނޑަކީ ވަރަށް ދަތިޙާލުގައި އުޅެމުންވެސް ބޭބެގެ އަނބިމީހާ ވަރިވެގެން ދިއުމުން ބޭބެގެ ދެދަރިން ބެލި އަންހެނަކީމެވެ. އެއީ ބުރަ ކަމެކެވެ. ނަމަވެސް އެއީ ބުރައަކަށް ނެދެކި އެ 2 ކުދިން ގެންގުޅެންފެށިފަހުން އަޅުގަނޑަށް ވަނީ ވަރަށް ގިނަ ގޮތްގޮތުން ރަޙްމަތް އިތުރުވެފައެވެ.
- އަނީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް