ކުރެވުނު ފާފަތައް ގިނަވެ މާޔޫސްވީވަރުން ބެލްކަނީން ފުންމާލަން އުޅުމުން ބޭރަށް ނުވެއްޓި އެތެރެއަށް ވެއްޓުނު ޒުވާނާއަށް އެކަން މެދުވެރިވި ސަބަބަށް ވިސްނައިލިޔަސް މަންމަގެ ދުޢާގެ ބާރު އެނގޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 2ސ
ކުރެވުނު ފާފަތައް ގިނަވެ މާޔޫސްވީވަރުން ބެލްކަނީން ފުންމާލަން އުޅުމުން ބޭރަށް ނުވެއްޓި އެތެރެއަށް ވެއްޓުނު ޒުވާނާއަށް އެކަން މެދުވެރިވި ސަބަބަށް ވިސްނައިލިޔަސް މަންމަގެ ދުޢާގެ ބާރު އެނގޭނެ!

އެއްވެސް ދަރިއަކު ފާފަކުރާނަމަ އެކަމަށް އެންމެ ދެރަވާނީ މަންމައެވެ. މަންމަދޭ ނަބީޙަތް ޤަބޫލުނުކުރާތީ ދެރަވެ ހިތާމަކުރަމުންވެސް ދަރިފުޅަށްޓަކައި މައިން ހެޔޮދުޢާކުރެއެވެ. އެކަމުގެ ފައިދާވެސް ދަރިންނަށް ކުރެއެވެ. ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ. ދަރިންނަށްވެސް މައިންނަށްވެސް ފައިޑާކުރާނެއެވެ. އިން ޝާ ﷲ  

ހާމަކުރަން މިއުޅެނީ ވަރަށް އާދައާއި ޚިލާފް ކަމެއް ކުރިމަތިވި ޒުވާނެއްގެ ވާހަކައެވެ. އެޒުވާނާ އެކިޔައިދެނީ މިޒަމާނުގައި ގިނަ ބައެއްގެ ބުއްދިއަށް ނަގައިގަންނަންވެސް އުނދަގޫވަރުގެ ބޮޑު ކަމެއްގެ ވާހަކައެވެ. ނަމަވެސް ޔަޤިންކުރާށެވެ! ހެޔޮލަފާ މައިންގެ ދުޢާއަށްވުރެ ބާރުގަދަ އެއްޗެއް ނުވެއެވެ. މައިންގެ ހެޔޮ ދުޢާ ދަރިންނަށް މުހިންމުވަނީ އެސަބަބަށްޓަކައެވެ.  

މިވާހަކަ އާއި ގުޅިގެން ފާހަގަކޮށްލަން ބޭނުންވަނީ މައިން އެންމެ ބޮޑަށް ދެރަވާނެ ކަންތައްތަކުގެ ތެރެއިން ދަރިން ފާފަކުރުމެވެ. ދަރިން ފާފަކުރާނަމަ ހެޔޮލަފާ މައިންނަށް އެކަންވާނީ އެމީހުންނާއި އަޅައިނުލުމަށްވުރެވެސް ބޮޑު އަނިޔާއަކަށެވެ. ދަރިން ފާފަކުރުން ހުއްޓާނުލައިފިނަމަ އެކަމުގެ ހިތާމައިގައި ކެތް ނުކުރެވި ކަރުނައަޅަމުން ގޮސް ދުނިޔެ ދޫކުރާ މައިންވެސް ބައިވަރެވެ.

މިއީ ދަރިން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. ހެޔޮލަފާ ކޮންމެ މައަކަށްވެސް އެންމެ ބޮޑަށް އަސަރުކުރާނީ އޭނާގެ ދަރިފުޅަކީ ނަރަކައިން ސަލާމަތްނުވެވިދާނެ ކަމަށްޓަކައެވެ. މައިންނާއި އަޅައިނުލުމަށްވުރެވެސް ބޮޑަށް ދަރިން ފާފަކުރާނަމަ ދެރަވެ ހިތާމަކުރަނީ އެސަބަބަށްޓަކައެވެ.  

ދެން ފާހަގަކޮށްލަން ބޭނުންވަނީ މައިންގެ ދުޢާއިން ދަރިންނަށް ކުރާނެ ފައިދާގެ މިންވަރު ވަޒަންކުރަންވެސް ނުއެނގޭނެ ކަމެވެ. މިވާހަކައިން އެނގިގެންދަނީ އެކަމެވެ. އަދި ކިތަންމެ ގިނަ ފާފަތެކެއް ކުރެވުނަސް އެކަމުގެ ހިތާމައާއި ކަންބޮޑުވުމުގެ ސަބަބުން އޮތީ އަމިއްލައަށް މަރުވުން ނޫންކަމާއި ތައުބާވެ ޢަމަލުތައް އިޞްލާޙްކުރުން ކަމެވެ.  

ވާހަކައާއިގެން ކުރިއަށް ވަޑައިގަންނަވާށެވެ!  

އަހުރެން އެއްރޭ ގޭގެ ބެލަކަނީގަ ހުރެގެން ވިސްނީމެވެ. "ސުބްހާނަﷲ! އަހަރެންނަށް ހާދަގިނަ ފާފަތަކެއް ކުރެވިއްޖެއެވެ. ދެން ސަލާމަތެއް ނެތެވެ. މަސްތުވާތަކެތި ބޭނުންކުރެވިއްޖެއެވެ. ބަނގުރާ ބޮވިއްޖެއެވެ. އެއްގޮތަކަށް ވައިއެޅިގެން ނުވާނެ މީހުންނާއިއެކުވެސް ފާހިޝް ޢަމަލުތައްވެސް ކުރެވިއްޖެއެވެ. ނުވިތާކަށް ވައްކަންކުރަމުންގޮސް މައިންބަފައިންގެ މުދަލުންވެސް ވައްކަން ކުރެވިއްޖެއެވެ. ވީމާ ދުނިޔޭގައި އިތުރަށް ހުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އަވަހަށް މިތަނުން ފުންމާލައިގެން މަރުވަންވީއެވެ."  

ކިޔައި އަޑުއަހާ އެންމެންނޭވެ! ފުންމާލަން ޤަޞްދުކޮށް އެއްފައިވެސް ހިއްލައިލީމެވެ. އެވަގުތު ވަރަށް ބާރަށް ކިނބިއްސެއް އެޅުނެވެ. އަދި ވެއްޓުނީ ބޭރަކަށް ނޫނެވެ. އެތެރެފަރަތަށެވެ. ފުރަގަހަށް ވެއްޓުނުކަން އެނގެއެވެ. ދެންވީ ގޮތެއް ނުއެނގެއެވެ.

ދެން ފެނުނީ ހަނަފަސް ބިމެއްގައި އަޅުގަނޑު ވަށާލައިގެން ބައަކު އުޅޭތަނެވެ. ވަރަށް ނުބައި ސިފައަކަށް ބައަކު އުޅެނީ އަހަރެން އަތުލައިގަނެގެން އަނެއްބައަކު އުޅެނީ އަހަރެން މިނިވަންކޮށް މިނިވަންކަމާއިއެކު ދޫކޮށްލާށެވެ. އެދެބައިމީހުންގެ މެދުގައި ޒުވާބު ހޫނުވެފައިވަނިކޮށް މަތިން އުދުހިފައި އައި ހުދު ކޮތަރުތަކެއް ބިމަށް ތިރިވެއްޖެއެވެ. ބިމުގައި ފައިޖެހުމާއިއެކު ހުދުހެދުމުގައި ތިބި ބައަކަށް އެމީހުން ބަދަލުވެއްޖެއެވެ. އެމީހުންގެ މޫނުމަތިން އެއީ ވަރަށް މާތްބައެއްކަން އެނގެއެވެ.

އެބައަކު އައިގޮތަށް އައިސް މީހުންތައް ފޭކޮށް ދުރުކުރަމުން އަޅުގަނޑާއި ހަމައަށް އަތުވެއްޖެއެވެ. އައިސް ބުންޏެވެ. "ކަލެއަކީ ނުކުރާ ފާފައެއް ނުބާއްވައި ހުރިހާ ފާފައެއް ކުރަމުން އައި މީހަކީމުއެވެ. ނަމަވެސް މިރޭ ކަލެއަށް ކުރެވެނީ ފާފަކަމާއި ފާފަކުރާތީ ﷲ ޢަޛާބު ދެއްވަވާނެކަން ޤަބޫލުކުރެވިއްޖެއެވެ. އެކަމާ ދެރަވެ ދުނިޔެއިން ނުކުމެގެންދާންވެސް މަސައްކަތްކޮށްފީމެވެ.  

ހަނދާންކުރާށެވެ! ކުރެވުނު ފާފަތައް ކިތަންމެ ގިނަ ނަމަވެސް އެކަން އީޙްޞާޞްކުރެވުމުން އެއްވެސް މީހަކު ދެރަވެ މާޔޫސްވާންވީއެއް ނޫނެވެ. އުފާކުރަންވީއެވެ. ސަބަބަކީ އެކަން އިޙްޞާޞްކުރެވިއްޖެ ނަމަ އެއަންގައިދެނީ އަވަހަށް ތައުބާވުމަށެވެ. ތައުބާވުމުން މާޒީ ފުހެވިގެންދިއައީއެވެ. ވީމާ މާޔޫސްވެ އިތުރު ފާފަތައް ކުރުމުގައި ދެމިހުރުމެއް ނެތެވެ. އަދި އަމިއްލައަށް މަރުވުމެއްވެސް ނެތެވެ. އޮތީ ތަޤްވާވެރިއެއްގެ ގޮތުގައި އުފަލުގައި ދިރިއުޅެން މަސައްކަތްކުރުމެވެ.  

ކަލޭ ބެލްކަނީން ފެންބާލައިގެން މަރުވިނަމަ އެހިސާބުން ފެށިގެން ކަލޭ އެވަނީ ނަރަކައިގައިކަމަށްވުން ވަރަށް ގާތެވެ. އޮންނަން ޖެހޭނީ މުޅި ގައިގަ ނަރަކައިގެ އަލިފާން ހިފާފައިވާ ޙާލު އެގޮތަށް ވެއްޓި މަރުވެމަރުވެއެވެ.  

މިހިރަ އިންސާނާއެވެ! އެފަދަ ނިކަމެތި ޙާލުން ކަލޭ ސަލާމަތްވީ ކަލޭގެ މަންމަގެ ދުޢާގެ ސަބަބުންނެވެ. ކަލޭގެ ނޭފަތަށް ވަދެ ކިނބިހި އަޅުވައި އިތިފުށަށް ވައްޓައިލީ ހަމަ ކަލޭގެ  މަންމަ ކުރަމުން އައި ދުޢާތަކުގެ ބާރެވެ. ދެންވެސް އެ މަންމަގެ ބަސްއަހައި، ދޭ ނާޞޭޙަތް ޤަބޫލުކޮށް ހިތުގައި ނުޖައްސައި އުޅެބަލާށެވެ! ﷲ ތިބާއަށް ލެއްވެވި ރަޙްމަތުގެ ބޮޑުކަން ހިތްމައްޗަށް ގެނެސް ޢުމުރުން ދެން އޮތްބައިގައިވެސް ﷲ އަށް ކިޔަމަންތެރި، ޝުކުރުވެރިވާ އަޅެއްގެ ގޮތުިގައި އުޅެން ނިކަން މަސައްކަތްކޮށްބަލާށެވެ!"  

އެހިސާބުން ހޭލެވިއްޖެއެވެ. އޮވެވުނީ ހަމަ ބެލްކަނީގައެވެ. ބޮލުގެ ފުއްކިބައިގައި އަތްލިއިރު ލޭގެ އަސަރުވެސް ހުއްޓެވެ.  

ބާރަށް ގޮސް ކޮޓަރިއަށް ވަނީމެވެ. ފެންވެރީމެވެ. ހިނައި ޠޯހިރުވެ ވުޟޫކުރީމެވެ. ތައުބާވީމެވެ. އަލުންބަލުން ނަމާދުކުރަން ފަށައިގަތީމެވެ. އެއިރު ގޭ އެންމެން އެންމެ ރުޅި އަންނާނީ އަޅުގަނޑު ދެކެއެވެ. ނަމަވެސް ޢާއިލާގެ އެންމެންވެސް މިއަދު އެންމެ ލޯބިވަނީ އަޅުގަނޑުދެކެކަމަށް ބުނާހައި ވަރަށް އެންމެންވެސް އަޅުގަނޑު ދެކެ ލޯބިވެއެވެ.  

ކުރިން އަޅުގަނޑު ވަގުތުތައް ހޭދަކުރީ އެކުވެރިންނާއިއެކުގައެވެ. މިހާރު ކައިވެނިކޮށް ދަރިންލިބި ގޭގައި ޢާއިލާ އާއިއެކުގައެވެ. އަނބިމީހާ އާއި ދަރިންނާއި މައިންބަފައިންނާއި އަދި އެހެންވެސް ގޭގައި އުޅޭ އެންމެންނާއިއެކުގައެވެ. ހެނދުނު އޮފީހަށް ދަނީވެސް މަންމައާއި ބައްދަލުކޮށްފައެވެ. އެނބުރި އައިސްވެސް ފުރަތަމަކަމަކަށް މަންމަ ހޯދައި ބައްދަލުކުރަމެވެ.  

މަނަމައަކީ އަބަދުވެސް ވަރަށް ތަޤްވާވެރި އަންހެނެކެވެ. އަޅުގަނޑަށް އުޅެވޭ ގޮތާއިމެދު އަބަދުވެސް އައީ ހިތާމަކުރަމުންނެވެ. އަޅުގަނޑަށް ކޮންމެ ދުވަހަކު އެތައް ފަހަރަކު ނަޞޭޙަތްދެއެވެ. އަޅުގަނޑަށްޓަކައި ހެޔޮދުޢާވެސް ކޮށްދެއެވެ. ހުރިހާވެސް މައްސަލައަކީ ހަމަ އަޅުގަނޑެވެ. އަޅުގަނޑަށް މަންމަގެ ނަޞޭޙަތް ޤަބޫލުނުކުރެވި ނުބައި އެކުވެރިންތަކެއްގެ ބަސް ޤަބޫލުކުރެވުނީއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ އަޅުގަނޑުގެ އާވާރާ ދިރިއުޅުން ބަދަލުކޮށްލެވެން މެދުވެރިވި ސަބަބެވެ. އަޅުގަނޑަކީ ނަރަކައިގެ ތުންފަތްމަތީގައި އޮވެވުނު މީހެކެވެ. ޚުޠުބާތަކުގައި ކިޔާގޮތުންވެސް އަޅުގަނޑަށް އެރޭ ބެލްކަނީން ފުންމައިލެވުނު ނަމަ އަޅުގަނޑަށް ވަންނަންޖެހުނީހީ ނަރަކައަށެވެ. އަޅުގަނޑުވެސް އުންމީދުކުރަނީ އަޅުގަނޑުގެ ވާހަކަކޮޅުން މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާކުރާނެ ކަމަށެވެ.

 

- ސުލައިމާން / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން