އަނބިމީހާއަށް ޞިއްޙީ ބަލިކަށިކަމެއް ލިބިއްޖެނަމަ ވަރިކޮށްލުމަކީ ކޮންކަހަލަ ކަމެއްތޯ؟
ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ އަނބިމީހާއަށް އެކަންޏެއް ނޫނެވެ. އަނބިމިހާއަށްވެސް އަދި ފިރިމީހާއަށްވެސް ޞިއްޙީ ބަލިކަށިކަމެއް ކުރިމަތިވުމުން ކައިވެނިރޫޅައިލުމަކީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާނެ ކަމެއް ނޫނެވެ. ތިމާއަށް އެފަދަ ޙާލަތެއް މެދުވެރިނުވާނެކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟
އަބަދު އެއް ސިފައަކަށް ހުންނަން އެމީހެއްގެ އިޚްތިޔާރެއް އަދި ބާރެއް ނުހިންގޭ ފަދައިން އަބަދު ފުރިހަމަ ޞިއްޙަތެއްގައި ހުރުމަކީވެސް އެމީހާއަށް އެއްވެސް ބާރެއް އިޚްތިޔާރެއް އޮންނަ ކަމެއް ނޫނެވެ. ސިފަ އާއި ޞިއްޙަތުގެ މައްޗަށްވެސް ބާރުތައް ލިބިވޮޑިގެންވަނީ އިންސާނާ އުފެއްދެވި ﷲ ތަޢާލާގެ ޙަޟްރަތަށްކަން ޤަބޫލުނުކުރެވޭ މީހުން އުޅެއެވެ.
ޒަވާޖީ ޙަޔާތެއްގައި އުޅެމުންދަނިކޮށް އެކަކު ބަލިވެއްޖެ ނަމަ ކައިވެނި ރޫޅާލައި އޭނާ ބާކީކޮށްލަނީ މިބުނިފަދަ މީހުންނެވެ. އެގޮތަށް ކަންތައް ކުރާ މީހުންނަށް އެކަމުގެ ހިތިކަން ދުނިޔޭގައިވެސް ތަޖުރިބާކުރަންޖެހެއެވެ. އެކިމީހުންނަށް އެކި ގޮތަށެވެ.
ތިރީގައިވާ ވާހަކައަކީ ކޮންމެ ދެމަފިރިއަކަށްވެސް، ޚާއްޞަކޮށް މިބަޔާންކުރި ފަދަ އަނިޔާވެރިންނށް ޢިބްރަތްތެރި އަދި އެމީހުންގެ ކިބައިން އަނިޔާލިބޭ މީހުންނަށް ވަރަށް ހިތްވަރު ލިބޭނެ ވާހަކައެކެވެ. އިން ޝާ ﷲ. ވިދާޅުވެލައްވާށެވެ.
އަޅުގަނޑުމެންގެ ކައިވެންޏަށް 4 ވަނައަހަރު އަޅުގަނޑުގެ އެއް އުރަމައްޗަށް ކެންސަރު ޖެހުނެވެ. އެކަން އެނގުނުއިރުވެސް ޓިޔުމަރުވަނީ ވަރަށް ބޮޑުވެފައެވެ. ޑޮކްޓަރުން ބުނީ ޙައްލަކީ އެއުރަމަތި ނެގުން ކަމަށެވެ. ނޫންނަމަ އަޅުގަނޑުގެ ފުރާނައަށްވެސް ނުރައްކައުވެދާނެ ކަމަށެވެ.
ނަމަވެސް ފިރިމީހާ ބުނީ ނަގައިގެން ނުވާނެ ކަމަށެވެ. އުރަމަތި ނެތް އަންހެނަކު އޭނާ ބޭނުން ނޫން ކަމަށެވެ. އުރަމަތި ނުނަގައިފިނަމަ އަހަރެންގެ ފުރާނައަށް ނުރައްކައުވެދާނެކަމާއިމެދު އޭނާ ކުޑަކޮށްވެސް ވިސްނައެއް ނުލިއެވެ.
ދިން އެއްވެސް ބޭހަކުން ، އެއްވެސް ތެރަޕީއަކުން ވީއެއްވެސް ކަމެއް ނެތެވެ. އެދުވަސްވަރު ޙާލު ދިއައީ އެއްދުވަހުން އަނެއް ދުވަހަށް ގޯސްވަމުންނެވެ. ބައެއް ފަހަރު ތަދުވެގަންނަ ވަގުތު އަނބުރައިގަނެގެން ވެއްޓެންވެސް ފަށައިފިއެވެ.
ވެއްޓިފައި އޮއްވާ ނަގައިގެން ހޮސްޕިޓަލަށް ގެންދިއަ ދުވަހަކު ހޭއެރުމުން ޑޮކްޓަރުން ބުނީ ޑޮކްޓަރުންނަކީ އިންސާނުންގެ ފުރާނަ ސަލާމަތްކުރަން ޖެހޭ ކަންކަމުގައި ފިރިންގެ ރުހުން ލިބެންދެން މަޑުކުރަންޖެހޭ ބައެއް ނޫން ކަމަށެވެ. ފިރިމީހާ ނުރުހުނު ނަމަވެސް އަހަރެން ރުހޭނަމަ މިހާރުން މިހާރަށްވެސް އޮޕަރޭޝަންކޮށްދޭނެ ކަމަށެވެ.
އެހެން ގޮތެއް ނެތުމުން ރުހުނީމެވެ. އޮޕަރޭޝަންކުރަން އެއްބަސްވީމެވެ. ހީކުރީ އެހިސާބުން ފިރިމީހާ އަހަރެންގެ މައްޗަށް ރަޙުމްކުރާނެ ކަމަށެވެ. ނަމަވެސް ކަންތައްތައް މެދުވެރިވީ އެގޮތަކަށް ނޫނެވެ. އޮޕަރޭޝަންކޮށްގެން ނެރުމުން ހޮސްޕިޓަލުން ނުކުމެގެން ދިއަގޮތަށް ދެކެލަންވެސް ނާދެއެވެ. ހޮސްޕިޓަލުގައި އޮންނަން ޖެހުނީ އެކަންޏެވެ. ގަދަވުމުން ހޮސްޕިޓަލް ބިލް ދެއްކީވެސް އޮޕަރޭޝަންކުރި ޑޮކްޓަރުން މެދުވެރިވެގެން ކެންސަރު ޖެހޭ މީހުންނަށް އެހީވާ ފަންޑަކުންނެވެ.
ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް ދިއައީމެވެ. އެއިރު ފިރިމީހާ ވަނީ އެހެން އަންހެނަކު ހޯދާފައެވެ. ބުނީ ބޭނުންނަމަ އެދެމީހުންގެ ނޯކަރަކަށް ގޭގައި އުޅެވިދާނެ ކަމަށެވެ. އަޅުގަނޑުގެ ޞިއްޙަތު އެކަމަށް ތަނެއް ނުދެއެވެ. އެހެންވެ ޝުކުރުކޮށްލާފައި ގެއިން ނުކުމެގެން ދިއައީއެވެ. ދާނެ ވަކިތަނެއް ނެތުމުން ދިއައީ ދަތިޙާލުގައި ތިބޭ މީހުން ބައިތިއްބާ ތަނަކަށެވެ.
އެތަނުގައި ހުންނަތާ މަހެއްހައި ދުވަސްފަހުން ވަޒީފާއަދާކުރެވޭވަރުވުމުން ވަޒީފާއެއް ހޯދަން ނުކުތީމެވެ. ފުރަތަމަ ދިއަތަނުންވެސް އަޅުގަނޑުގެ ޙާލަށް ޙަމްދަރުދީވެ ވަޒީފާއެއް ދީފިއެވެ. އެއީ މަޝްހޫރު ހޮޓަލެކެވެ. އަޅުގަނޑަށްދިނީ ގެސްޓް ރިލޭޝަންސް އޮފިސަރެއްގެ ވަޒީފާއެވެ. އެހޮޓަލުގެ މުވައްޒިފުންނަށް އެކޮމޮޑޭޝަންދޭ އުޞޫލުން އަޅުގަނޑަށްވެސް އެކޮމޮޑޭޝަން ދިނެވެ.
ވަޒީފާއަދާކުރާތާ އަހަރެއްހައި ދުވަސްފަހުން ހޮޓަލުގައި ހުރި މެހްމާނަކަށް އަޅުގަނޑުގެ އަޚްލާޤް ކަމުގޮސްގެން އޭނާ އާއި ގުޅެން އެދުމުން އަޅުގަނޑުގެ ޙަޤީޤީ ސިފަ ބޭރުފުށުން ނުއެނގޭނެ ކަމަށް ބުނެ އަޅުގަނޑުގެ ޙާލުކިޔައިދިނީމެވެ. އަދި ކަންކަން ދިމާވާ ގޮތަކުން ފަހުން ދެވަނަ އުރަމަތިވެސް ނަގަންޖެހިދާނެ ކަމަށްވެސް ބުނީމެވެ.
އޭނާގެ ޖަވާބަކަށްވީ ފަހުން ކަންކަންވާނެ ގޮތް ދެނެވޮޑިގެންވަނީ ﷲ ކަމަށާއި އިންސާނާގެ ރީތިކަން ވަނީ ގުނަވަންތަކުގައި ނޫންކަމަށެވެ. އޭނާގެ ތަޤްވާވެރިކަމާއި ރިވެތި އަޚްލާޤްގައި ކަމަށެވެ. އަޅުގަނޑު ހުރި ޙާލުގައި އަޅުގަނޑު ޤަބޫލުކުރަން ބޭނުންވެ ރަންކިޔުއްވުމުން ވަރަށް އުފާވިއެވެ. ކައިވެނިކުރުމުން މާބޮޑަށް އުފާވިއެވެ.
ކައިވެނިކުރި ފަހުން އެނގުނީ އޭނާއަކީ ބަހްރައިނަށް ނިޞްބަތްވާ މީހެއްނަމަވެސް އޭނާއަކީ އެހޮޓަލުގެ ޙިއްޞާދާރެއް ކަމެވެ. އެހެންވެ ކައިވެނިކޮށްގެންވެސް އޭނާ ދުވަސްކޮޅަކު ދިރިއުޅުނީ ހަމަ އެ ހޮޓަލުގައެވެ.
އެއްދުވަހަކު ފިރިމީހާގެ ފައަށް ތަދެއް އަރައިގެން ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދިއައީމެވެ. އެއިރު އަޅުގަނޑު މޫނުބުރުގާވެސް އަޅައިފީމެވެ. ވީމާ ފެންނަ މީހުންނަކަށް އަޅުގަނޑަކީ ކާކުކަމެއް ފަސޭހައަކުން ނުއެނގޭނެއެވެ.
ހޮސްޕިޓަލުން ނިމިގެން ނުކުމެ ކާރަށް އަރަން އުޅެނިކޮށް ފުރޮޅުލީ ގޮނޑިއެއްގައި ކުރީގެ ފިރިމީހާ އެކަނި އިންދައި ފެނުމުން ފިރިމީހާ އާއިއެކު އެނާގެ ގާތަށް ދިއައީމެވެ. އަދި އަޅުގަނޑުގެ އަޑުވެސް ބަދަލުކޮށްލާފައި ޙާލު އަހައިލީމެވެ. ބުނީ އެކްސިޑެންޓެއްވެ ތިރީކޮޅުން ވާގޮގޮސްފައިވާކަމަށެވެ. ދިރިއުޅެނީ ވަރަށް ދަތިޙާލުގައި އެކަނި ކަމަށެވެ. އެހެން ބުނުމުން ފިރިމީހާ އޭނާއަށް އެހީއެއްވެސްވިއެވެ.
އަޅުގަނޑު ހިތަށް އެރިއެވެ. މިހިރީވެސް ކަންކަން މެދުވެރިކުރައްވަވާ ގޮތެވެ. އަޅުގަނޑުގެ އެއް އުރަމަތި ނެތިވެސް މިހިރަ ދިރިއުޅެވެނީއެވެ. އޭނާ އަހަރެން ދޫކޮށްލީ އޭނާގެ ހިތުގެ ފާހިޝްކަން ބޮޑުވުމުންނެވެ. މިއަދު އޭނާގެ ޙާލަކީ ކޮބައިހެއްޔެވެ؟ އަމިއްލަ އުފަލަށްޓަކައި ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟
އަޅުގަނޑު އޭނާއަށް ހިތްބުރައެއް ނުކުރަމެވެ. އޭނާ އަޅުގަނޑާއިމެދު ކަންތައް ކުރި ގޮތުން އަޅުގަނޑަށް ލެއްވެވީ އިތުރު ރަހްމަތެކެވެ. މާބޮޑު ރަޙްމަތެކެވެ. ހުރިހާލުގައިވެސް މާރަނގަޅު ފިރިއަކު ވަނީ ދެއްވަވައިފައެވެ. އަޅުގަނޑު އޭނާއަށްޓަކައި ހެޔޮދުޢާކުރީމެވެ.
މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑު މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނާއި ޙިއްޞާމިކުރީ އަންހެނުންނަށްވެސް ފިރިހެނުންނަށްވެސް ޢިބްރަތަކަށެވެ. ބައިވެރިޔާއަށް ބަލިޙާލެއް ޖެހުމުން ނިކަމެތިކޮށް އެއްލައިލާ މީހުންނަށް ފިލާވަޅަކަށެވެ. އަދި އެއްލައިލެވޭ މީހުންނަށް، ޚާއްޞަކޮށް މިފަދަ ނިކަމެތި ޙާލުގައި ޖެހޭ ހަމަ އަޅުގަނޑު ފަދަ އަންހެނުންނަށް ހިތްވަރުދިނުމަށެވެ.
އަޅުގަނޑަކީ ކައިވެންޏަށް 11 ވަނަ އަހަރު ރަޙިމް ނަގަންޖެހުނު އަންހެނެކެވެ. ފިރިމީހާ އަޅުގަނޑު ދޫކޮށްލީ އަޅުގަނޑު ބަލިކަށިވެ ބޭނުމެއް ނުހިފޭނެކަމަށް ހީކޮށެވެ. މިހާރު އަޅުގަނޑުގެ ޢުމުރަކީ 57 އަހަރެވެ. ރަޙިމު ނަގާފައިވާތީ އެއްވެސް ކަމެއް އުނިވެގެން ދެވަނަ ފިރިމީހާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ބުނެލަން އޮތީ ކޮންމެ ކަމެއްވެސް ގުޅިފައިވަނީ ހަމަ ﷲ ގެ ރަހްމަތާއިއެވެ. މައްސަލައަކީ ބައެއް މީހުންނަށް އެކަން ޤަބޫލުނުކުރެވޭކަމެވެ.
- ނާޝިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ