ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދާ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން އިމާރާތް ކުރާ ފްލެޓްތަކުގެ މަހު ކުލި ގާތްގަނޑަކަށް 10،000 ރުފިޔާގައި ހުންނާނެ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 1،224 ޔުނިޓު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ ރަސްމީކޮށް ފަށާފައެވެ.
މިކަމާގުޅިގެން ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ޝަރީފް ވިދާޅުވީ، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއާއި ބޭންކާ ގުޅިގެން މިފަދަ މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް އަތްފޯރާފަށުގައި، އެފޯޑަބަލް ހައުސިން ކެޓަގަރީގައި ހިމެނޭ މީހުންނަށް ވީހާވެސް ކުޑަ އަގެއްގައި ބޯހިޔާވަހިކަން ހަމަޖައްސައިދިނުން ކަމަށެވެ.
ފްލެޓުތަކުގެ ކުލި އަދި މުޅިން ފައިނަލް ނުކުރި ނަމަވެސް، ބޭންކުން މިހާރު ހަދަމުންދާ ހިސާބުތަކަށް ބަލާއިރު ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުލި 10،000 ރުފިޔާގެ ތެރޭގައި ހިފެހެއްޓޭނެ ކަމަށް ބޭންކުން ލަފާކުރެއެވެ. މިއީ މިހާރު ބާޒާރުގައި ހުރި އަގުތަކާ އަޅާބަލާއިރު ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ގާތްގަނޑަކަށް 10 ވަރަކަށް ހާސް ރުފިޔާގެ ހިސާބުގައި ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ކުލި ހަމަޖެހިގެންދިއުމަކީ އެކަށީގެންވާ ކަމެއް، އަޅުގަނޑުމެން މިހާރު ހިސާބުކުރަމުންދާ ވަރުން ބަލާއިރު. ބާޒާރުގައި މިހާރު ތިން ކޮޓަރީގެ އެޕާޓްމަންޓުގެ ކުލި އުޅެނީ 25،000 ރުފިޔާއާއި 30،000 ރުފިޔާއާ ދެމެދުގައި. އެހެންވީމަ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރާ ހުރިހާ އެޕާޓްމަންޓްތަކަކީ ވެސް ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މިއީ މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.