ޔަހޫދީންގެ އަމަލުތައް ހުއްޓުވައި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ގޮވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޔަހޫދީންގެ އަމަލުތައް ހުއްޓުވައި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ގޮވާލައިފި

ހައްދުފަހަނައެޅި ޣައިރު ގާނޫނީ ޔަހޫދީ ދައުލަތުން ދުނިޔޭގެ ހަމަޖެހުން ނަގާލުމަށް ހިންގަމުން އަންނަ އަމަލުތައް ހުއްޓުވައި، އެ ފަރާތްތަކާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

ދިވެހިރާއްޖޭން މިކަމަށް ގޮވާލާފައިވަނީ އދ. ގެ ހިޔުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ބައްދަލުވުމުގައި އިއްވި ބަޔާނުގައެވެ. ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އިއްވެވި މި ބަޔާނުގައި، ދުނިޔޭގެ މަސްލަހަތު ނަގާލުމަށް ޔަހޫދީން ހިންގާ އަމަލުތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

ޑރ. ސަލްމާގެ ވާހަކަފުޅުގައި، ދުނިޔޭގައި ހަމަޖެހުން ގާއިމުކުރުމަށް ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ވިއެނާ ޑިކްލަރޭޝަންގައި ބަޔާންކޮށްފައިވާ ފަދައިން، ހުރިހާ އިންސާނީ ހައްގުތަކަކީ އެއް ހައްގު އަނެއް ހައްގާ ގުޅިލާމެހިފައިވާ، ކޮންމެ އިންސާނަކާވެސް ގުޅިފައިވާ ހައްގުތަކެއް ކަމަށް ރާއްޖޭން އަބަދުވެސް ގަބޫލުކުރާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ބަޔާން ނިންމަވާލައްވަމުން، ދުނިޔޭގެ ހަމަޖެހުމާއި އަމާންކަން ގާއިމުކުރުމަށްޓަކައި ހުރިހާ ގައުމުތަކުން އެކުގައި މަސައްކަތް ކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ދުނިޔޭގެ ސުލްހަ މަސަލަސްކަން ގެއްލޭ ގޮތަށް ޔަހޫދީން ހިންގަމުންދާ އަމަލުތައް ހުއްޓުވުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖޭގެ ބަޔާނުގައި ބާރުއަޅާފައިވެއެވެ.

މިއަދު އޮންލައިން