ހައި ކޯޓަށް އިސް ފަނޑިޔާރަކާއި ފެމިލީ ކޯޓަށް އިސް ގާޟީއަކު ހޯދަން އިއުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
ހައި ކޯޓަށް އިސް ފަނޑިޔާރަކާއި ފެމިލީ ކޯޓަށް އިސް ގާޟީއަކު ހޯދަން އިއުލާންކޮށްފި

ދިވެހިރާއްޖޭގެ ހައި ކޯޓަށް އިސް ފަނޑިޔާރަކާއި ފެމިލީ ކޯޓަށް އިސް ގާޟީއަކު އައްޔަންކުރުމަށްޓަކައި އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ޖޭއެސްސީން ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެވޭނީ މިހާރުވެސް އެ ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަނޑިޔާރުންނަށެވެ. ހަމައެފަދައިން، ފެމިލީ ކޯޓުގެ އިސް ގާޟީކަމަށް ކުރިމަތިލެވޭނީވެސް އެ ކޯޓަށް އައްޔަންކޮށްފައިވާ، މިހާރު އެ ކޯޓުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނަށެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. ކުރިމަތިލާ ފަރާތްތަކުން ޖޭއެސްސީގެ "ފަހިރެސް" ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. މިހާރު ވަގުތީގޮތުން އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވީ ފަނޑިޔާރު ޢަބްދުﷲ ޖަމީލު މޫސާއެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް މުސާރަ އާއި އެލަވަންސްތަކާއެކު މަހަކު 69,000 އަށްވުރެ ގިނަ ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. މީގެ ތެރޭގައި ހިމެނެނީ އަސާސީ މުސާރައިގެ 47,700 ރުފިޔާ އާއި ލިވިންގ އެލަވަންސްގެ 18,000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ 3,300 ރުފިޔާއެވެ.

ފެމިލީ ކޯޓުގެ އިސް ގާޟީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިބްރާހިމް މާހިރު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމުންނެވެ. ފެމިލީ ކޯޓުގެ އިސް ގާޟީގެ އަސާސީ މުސާރައަކީ 39,700 ރުފިޔާއެވެ. މީގެ އިތުރުން ލިވިންގ އެލަވަންސްގެ ގޮތުގައި 18,000 ރުފިޔާ، ރިސްކް އެލަވަންސްގެ ގޮތުގައި 3,300 ރުފިޔާ އަދި ފޯނު އެލަވަންސްގެ ގޮތުގައި 1,000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. ދެ މަގާމަށްވެސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސް ލިބިވަޑައިގަންނަވާނެއެވެ.

ދިވެހިރާއްޖޭގެ ހައި ކޯޓަކީ 11 ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާ، ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރާ މައިގަނޑު ކޯޓެވެ. ޤާނޫނަކުން އިސްތިސްނާކޮށްފައި ނުވާ އެންމެހައި މައްސަލަތަކެއް އެ ކޯޓުގައި އިސްތިއުނާފު ކުރެވެއެވެ.

މިއަދު އޮންލައިން