ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް ދޭއް ސަރަހައްދަކީ ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭނެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.
ވެލާނާ އެއާޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، ޓާމިނަލް ދޭއް ބޭނުންކުރާ ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ގެނައި މި ބަދަލުތަކަށް މިއަދު ހެނދުނު 10:00 އިން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ. މި ބަދަލާއެކު ޓާމިނަލް ދޭއްގެ ކުރިމަތިން ވާ ސަރަހައްދު މިހާރު ވަނީ ޓެކްސީތަކަށް ހާއްސަކޮށްފައެވެ.
އެމްއޭސީއެލް އިން މައުލޫމާތު ދޭ ގޮތުގައި، ޓާމިނަލް ދޭއްގެ އެރައިވަލް ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދު ހަމަޖައްސާފައިވަނީ ފަސިންޖަރުން ބޭލުމަށެވެ. މި ސަރަހައްދުގައި ފަހަރަކު ހަތަރު ޓެކްސީއަށް މަޑުކުރެވޭނެ ގޮތަށް ސްލޮޓްތައް ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ޓާމިނަލް ދޭއްގެ ޑިޕާޗާ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދު ހާއްސަކޮށްފައިވަނީ ފަސިންޖަރުން ޓެކްސީއަށް އެރުވުމަށެވެ. މި ސަރަހައްދުގައި ފަހަރަކު ފަސް ޓެކްސީއަށް މަޑުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އެމްއޭސީއެލް އިން އިތުރަށް ބުނީ، އަލަށް ގެނެވުނު މި ބަދަލުތަކަށް އާންމުން އަހުލުވެރިކުރުވުމަށާއި ޓްރެފިކް ފްލޯ ބެލެހެއްޓުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.