ހުޅުމާލޭގެ ބޮޑެތި ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭ ގޮތަށް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
ހުޅުމާލޭގެ ބޮޑެތި ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭ ގޮތަށް ހަމަޖައްސައިފި

ހުޅުމާލޭގެ ބޮޑެތި ގޯތިތައް 10 ފަންގިފިލާއަށް ނުވަތަ 30.5 މީޓަރަށް އުސްކޮށް އިމާރާތްކުރެވޭ ގޮތަށް ހަދައި، ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ އައު ގަވާއިދު މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ޝާއިއުކޮށްފިއެވެ. ބިމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ގަވާއިދު ތަންފީޒުކުރާނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިންނެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި އިމާރާތްކުރުމަށް ހަރުދަނާ އޮނިގަނޑެއް ތައާރަފުކޮށް، ތަރުތީބުވެފައިވާ އާބަން ތަރައްގީއަކަށް މަގުފަހިކުރުމެވެ. މީގެ އިތުރުން ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، ބިންވެރިންނާއި ޑިވެލޮޕަރުންނަށް އަމަލުކުރާނެ ސާފު އުސޫލުތަކެއް ކަނޑައެޅުމަކީ ވެސް މި ގަވާއިދުގެ ބޭނުމެކެވެ.

އައު ގަވާއިދުގައިވާ ގޮތުން ހުޅުމާލޭގެ ބިންތަކުގައި ކުރާ އިމާރާތްތަކުގެ ޑިޒައިން އެޕްރޫވަލް އާއި އިމާރާތްކުރުމުގެ ހުއްދަ ހޯދަންޖެހޭނީ އެޗް.ޑީ.ސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށްކަމަށް ވަނީ ބަޔާންކޮށްފައެވެ. އިމާރާތްކުރުމުގެ މަސައްކަތް ފެށޭނީ ބޭނުންވާ ހުރިހާ ހުއްދަތަކެއް ލިބުމުންނެވެ. އަދި ބިންތަކުގެ އިންވަކިކުރާ ފާހަގަތައް ޖެހުމުގެ ޒިންމާ ވެސް މި ގަވާއިދުން މަތިކޮށްފައިވަނީ އެޗް.ޑީ.ސީއަށެވެ.

މި އޮނިގަނޑުގެ ދަށުން އިމާރާތްތަކުގެ ފަންގިފިލާތައް ބޭނުންކުރާނެ ގޮތާއި، އުސްމިނާއި، ފްލޯ ސްޕޭސް އިންޑެކްސް (އެފް.އެސް.އައި) ގެ އިތުރުން ޕާކިންގްއާ ގުޅޭ މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ. ވަކި ފަންގިފިލާތަކެއްގައި ދިރިއުޅުމުގެ އިތުރުން، ހުޅުމާލޭގެ ދިރިއުޅުމުގެ މާހައުލަށް ބުރޫނާރާނެ ފަދަ ވިޔަފާރިތައް ހިންގުމުގެ ފުރުސަތު ވެސް މި ގަވާއިދުގެ ދަށުން ލިބިގެންދާނެއެވެ.

އާންމުންނަށް އުނދަގޫވާ ފަދަ ސިނާއީ މަސައްކަތްތަކާއި، ގުދަންކުރުމާއި، ގަދަ އަޑު، ވަސް ނުވަތަ ދުން އުފެދޭ ފަދަ ކަންކަން މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކުރުން މި ގަވާއިދުގެ ދަށުން ވަނީ މަނާކޮށްފައެވެ. މިއީ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ހިފެހެއްޓުމަށް އެޅި ފިޔަވަޅެކެވެ.

އިމާރާތްތަކުގެ ތަފްސީލީ މިންގަނޑުތަކަށް ބަލާއިރު، 901 އަކަފޫޓަށްވުރެ ބޮޑެތި ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރުމުގެ ހުއްދަ ދެވޭނެއެވެ. މީގެ އިތުރުން އުސް އިމާރާތްތަކުގައި ލިފްޓް ހުރުމާއި، ސީލިންގްގެ އުސްމިނާއި، ޓެރަސް އަދި މެޒަނިން ފްލޯތަކާ ގުޅޭ ފަންނީ މިންގަނޑުތައް ވެސް މި ގަވާއިދުގައި ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.

މިއަދު އޮންލައިން