ކޮންމެ ކުއްޖަކަށް އާއިލާއެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އަލަށް އުފަންވާ ތުއްތުކުދިން ފޮސްޓާކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް މެޓާނިޓީ އަދި ޕެޓާނިޓީ ލީވް ހަމަޖައްސައިދިނުމަށް ނިންމާފައިވާކަން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމު އިއުލާނު ކުރައްވައިފިއެވެ.
ވަޒީރު ވިދާޅުވީ، މި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ އެކި ބައްދަލުވުންތަކުގައި ފޮސްޓާކުރާ ބެލެނިވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުން ހުށަހެޅި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ. ހާއްސަކޮށް، ވިހެއުމަށްފަހު ނުވަތަ ނިކިއު ގައި ތިބޭ ކުދިންނާ ހަވާލުވާންޖެހޭއިރު، އެ ކުދިން ހޮސްޕިޓަލުގައި ހޭދަކުރާ މުއްދަތުގައި ބެލެނިވެރިންނަށް ޗުއްޓީ ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތައް ރައީސާ ހިއްސާކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"އާއްމު ގޮތެއްގައި ވިހެއުމުގެ ތެރެއިން ސިވިލް ސާވިސްއިން އެބަ ލިބޭ މެޓާނިޓީ ލީވަކާއި ޕެޓާނިޓީ ލީވްއަކާ. އެ މަޝްވަރާތަކަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު ސިވިލް ސާވިސްގައި ކުރެވުނު މަޝްވަރާތަކާ ގުޅިގެން އޭޕްރީލު މަހަށްފަހު ފޮސްޓާކުރާ ފަރާތްތަކަށްވެސް ހާއްސަ ޗުއްޓީ، ހާއްސަ ލީވްއެއް ލިބޭ ގޮތަށް ހަމަޖެހިފައި އެއޮތީ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އަލަށް އުފަންވާ ތުއްތުކުދިންނާ ހަވާލުވާ މީހުންނަށް ސިވިލް ސާވިސްގެ ތެރެއިން މިފަދަ ޗުއްޓީއެއް ހަމަޖެހިގެން ދިއުމަކީ ބެލެނިވެރިންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. އަދި މިއީ އެފަދަ އާއިލާތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، އެކި އުމުރުފުރާގެ ކުދިން ފޮސްޓާކުރާ ބެލެނިވެރިންނަށްވެސް ޗުއްޓީއެއް ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ. އެކި އުމުރުގެ ކުދިންނާ ހަވާލުވާއިރު، އެ ކުދިންނާއި ބެލެނިވެރިންނާ ދެމެދު ގާތް އަދި ލޯބިވެރި ގުޅުމެއް ބިނާކުރުމަށް ވަގުތު ބޭނުންވާނެކަން ފާހަގަކުރައްވަމުން، އެފަދަ ފަރާތްތަކަށްވެސް ލީވް ހަމަޖެއްސުމަކީ މިނިސްޓްރީން ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ވިދާޅުވިއެވެ.
މި ބަދަލާއެކު، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އާއިލީ މާހައުލަކަށް ގެންދިއުމަށް ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.