ހުޅުދޫ، މީދޫ އަދި ހިތަދޫ ގުޅާލާ ބްރިޖުގެ ކޮންސެޕްޓް ޑިޒައިން ނިމި ރިވިއުކުރުމުގެ މަސައްކަތް ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ހުޅުދޫ، މީދޫ އަދި ހިތަދޫ ގުޅާލާ ބްރިޖުގެ ކޮންސެޕްޓް ޑިޒައިން ނިމި ރިވިއުކުރުމުގެ މަސައްކަތް ފަށައިފި

އައްޑޫ ސިޓީގެ ހުޅުދޫ، މީދޫ އަދި ހިތަދޫ ގުޅާލުމަށް ބިނާކުރާ ބްރިޖުގެ ކޮންސެޕްޓް ޑިޒައިން ނިމި، އެ ޑިޒައިން ރިވިއުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން ބްރިޖު ގުޅާލުމަށް ބޭނުންވާ ދިރާސާތައް ހެދުމާއި، ޓެކްނިކަލް ޑޮކިއުމަންޓްތައް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ.

މި މަޝްރޫއުގެ ކޮންސަލްޓަންސީ މަސައްކަތްތައް ކުރިއަށްގެންދަނީ ޗައިނާގެ ޓީވައިލިން އިންޓަރނޭޝަނަލް އިންޖިނިއަރިންގ ކޮންސަލްޓިންގ ކޮމްޕެނީ ލިމިޓެޑުންނެވެ. އެ ވުޒާރާއިން ވިދާޅުވި ގޮތުގައި، ރަށްތައް ގުޅާލުމަށް ކޭބަލް ކާރު ނުވަތަ ބްރިޖް ބޭނުންކުރުމާ ގުޅޭގޮތުން ހެދި ދިރާސާތަކަށްފަހު، އެންމެ އެކަށޭނަ ގޮތަކީ ބްރިޖަކުން ގުޅާލުން ކަމަށް ވަނީ ކަނޑައަޅާފައެވެ.

ބްރިޖް އެޅުމަށްޓަކައި މައިގަނޑު ތިން ރޫޓެއް ދިރާސާކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ އެކަށޭނަ ރޫޓެއްގެ ގޮތުގައި އިވެލުއޭޓް ކުރެވިފައިވަނީ 'ރޫޓް 2' އެވެ. މި އެލައިންމަންޓުގައި ޖުމްލަ ހަތަރު ބްރިޖް ކްރޮސިންއެއް ހިމެނޭނެއެވެ. މި ކްރޮސިންތަކަށް އެންމެ އެކަށީގެންވާ ބްރިޖުގެ ބާވަތްތައް ދެނެގަތުމަށްޓަކައި ޑިޒައިން އެސެސްމަންޓެއް ވެސް ވަނީ ހަދާފައެވެ.

ކަނޑުގެ ފުންމިނާއި ފުޅާމިނަށް ބަލައި ހުށަހަޅާފައިވާ ބްރިޖުގެ ބާވަތްތަކުގެ ތެރޭގައި ފްލޯޓިން ބްރިޖް، ކޮންޓިނިއުސް ރިޖިޓް ފްރޭމް ގާޑަރ ބްރިޖް އަދި ކޭބަލް ސްޓެއިޑް ބްރިޖް ހިމެނެއެވެ. މީގެ އިތުރުން ބްރިޖްގެ ސުޕަރ ސްޓްރަކްޗަރ އަދި ސަބް ސްޓްރަކްޗަރއަށް އެންމެ އެކަށީގެންވާ ޑިޒައިންތައް ތަރައްޤީކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މި މަޝްރޫއުގެ ތިމާވެށީގެ ބައެއް ދިރާސާތައް މިހާރު ވަނީ ނިމިފައެވެ. އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކޮންސަލްޓަންޓު ހުށަހަޅާފައިވާ ކޮންސެޕްޓް ރިވިއު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ޖިއޯ ޓެކްނިކަލް މަސައްކަތްތައް ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރޭގައި ނިންމުމަށް ތާވަލުކޮށް، އެ މަސައްކަތަށް ކޮންސަލްޓަންޓު މިހާރު ތައްޔާރުވަމުންދާ ކަމަށް ވެސް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

މިއަދު އޮންލައިން