މާލެ ސަރަޙައްދުގައި އިތުރު 1500 ޓަނުގެ ގޭސް ސްޓޯރޭޖެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 2ސ
މާލެ ސަރަޙައްދުގައި އިތުރު 1500 ޓަނުގެ ގޭސް ސްޓޯރޭޖެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި

މާލެ ސަރަޙައްދުގައި އިތުރު 1500 ޓަނުގެ ގޭސް ސްޓޯރޭޖެއް ތަރައްޤީ ކުރުމުގެ މަސައްކަތް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުރަމުންދާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުންނެވެ.

މި ދުވަސްވަރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ އުފުލިފައެވެ. ރާއްޖޭގައި ގޭހުގެ ޑިމާންޑު އިތުރުވުމާ ގުޅިގެން، ބައެއް ފަހަރު އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ގޭސްއިން ލިމިޓް ކޮށްގެން ގޭސް ވިއްކި ނަމަވެސް، ސްޓޮކް އިޔާދަވުމުން އާންމު ހާލަތުގައި ޚިދުމަތް ދެމުންދާ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

ރާއްޖެއަށް ގޭސް ލިބުމުގައި އެއްވެސް ދައްޗެއް ނެތް ކަމުގެ ޔަޤީންކަން ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަށް ގޭސް ސަޕްލައިކޮށްދޭ ފަރާތަކީ މި ސަރަހައްދުގެ ސްރީލަންކާ އަދި ބަންގްލަދޭޝްއަށްވެސް ގޭސް ފޯރުކޮށްދޭ ފަރާތް ކަމަށެވެ. އަދި މި ސަރަހައްދުގެ ޤައުމުތަކަށް ގޭސް ޑިސްޗާޖް ކުރަނީ ކުދި ބޯޓުތަކުގައި ކަމަށްވެފައި، މޫސުން އޮންނަ ގޮތުން މި މަސައްކަތް ކުރަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން އެސްޓީއޯއިން ދަނީ ގޭހުގެ ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންނެވެ. އެސްޓީއޯއާ ޙަވާލާދީ މާލީ ވަޒީރު ވިދާޅުވީ، މިހާރު މަސައްކަތް ކުރިއަށްދާ ގޮތުން މިއަހަރުގެ ނިޔަލަށް މި މަޝްރޫޢު ނިންމާލެވޭނެ ކަމަށެވެ.

މި މަޝްރޫޢުގެ މުހިންމުކަމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، "މިހާރު އަޅުގަނޑަށް އެސްޓީއޯއިން އަންގާފައި އޮތީ އިތުރު 1500 ޓަނުގެ ސްޓޯރޭޖް މާލެ ސަރަހައްދުގައި ތަރައްޤީކުރަން. މިއަހަރު ނިމެންވާއިރަށް އެ ޕްރޮޖެކްޓް ނިމޭނެ ކަމަށް އެސްޓީއޯއިން ވިދާޅުވަނީ. އޭރުން އަޅުގަނޑުމެންނަށް 2 މަހާއި ބައިގެ ސްޓޮކް ގެންގުޅެވޭނެ މާލެ ސަރަހައްދުގައި."

މި އައު ސްޓޯރޭޖާއެކު މާލެ ސަރަހައްދުގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުވެ، ބައިނަލްއަޤުވާމީ ބާޒާރަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރެވި، ގޭސް ފޯރުކޮށްދިނުމުގައި އިތުރު ޔަޤީންކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން