ހިމަންދޫ އަދި ހުޅުދުއްފާރުގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ހިމަންދޫ އަދި ހުޅުދުއްފާރުގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި

އއ. ހިމަންދޫ އަދި ރ. ހުޅުދުއްފާރުގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރު.ޑީ.ސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި ދެ ރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު އެވެ. އަދި އާރު.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ފައިނޭންސް އެންޑް އެކައުންޓިންގެ ޖެނެރަލް މެނޭޖަރ ހަސަން ރިފާއީ ބުޝްރީއެވެ.

މި މަޝްރޫޢުތަކުގެ ދަށުން ހިމަންދޫ އާއި ހުޅުދުއްފާރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އާރު.ޑީ.ސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ޖުމްލަ 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން މި ދެ ރަށުގެ ދަތުރުފަތުރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބި، ރަށުގެ އުމްރާނީ ތަރައްޤީއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން