5 ރަށެއްގެ އުމްރާނީ ތަރައްޤީގެ 5 މަޝްރޫއެއް އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
5 ރަށެއްގެ އުމްރާނީ ތަރައްޤީގެ 5 މަޝްރޫއެއް އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފި

ރާއްޖޭގެ 5 ރަށެއްގައި އުމްރާނީ ތަރައްޤީގެ މުހިންމު 5 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ކަމާބެހޭ އިސްވެރިންނާއި މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ ދަށުން އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ ލ. މުންޑޫ ބަނދަރު ތަރައްޤީކުރުމާއި، ގއ. ނިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން ގދ. ހޯނޑެއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ނ. ލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން އެ ރަށުގެ މޫދަށް އެރޭ ސަރަޙައްދާއި ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުން ހިމެނެއެވެ. އަދި ރ. އަނގޮޅިތީމު ބަނދަރާއި، ޖެޓީ އަދި މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢު ވެސް ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ.

މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދުއެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާން ޔޫސުފްއެވެ.

މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޟީލް އަދި މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢުތަކަކީ އެ ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަމާއި ރަށް ގިރުމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.

މިއަދު އޮންލައިން