މެދުއިރުމަތީގައި ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، މަސްލަހަތު ފިނިކުރުމަށްޓަކައި ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރުން ގޮވާލާ ގޮވާލުން ތަކުރާރުކޮށްފިއެވެ. ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 61 ވަނަ ސެޝަންގެ ތެރެއިން މިއަދު ބޭއްވި ކުއްލި ބަހުސްގައެވެ.
މި ބަހުސްގައި ރާއްޖޭގެ ފަރާތުން ގައުމީ ބަޔާން އިއްވަވަމުން ސަފީރު ޑރ. ސަލްމާ ރަޝީދު ވިދާޅުވީ، އީރާނުން ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ގައުމުތަކުގެ އާންމުންނަށާއި މުހިންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ސަރަހައްދުގެ ސުލްހަވެރިކަމާއި ހަމަޖެހުމާއި ރައްކާތެރިކަން ގާއިމުކުރުމަށްޓަކައި، ހަމަލާތައް ހުއްޓާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.
ސަފީރުގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، އީރާނުގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށެވެ. މި ހަމަލާތަކުގެ ސަބަބުން ކުރިމަތިވެދާނެ އިންސާނީ އަދި އިގްތިސާދީ ނުރައްކާތަކާ މެދު ރާއްޖޭން ނުހަނު ކަންބޮޑުވާކަން ވެސް ސަފީރު ވަނީ ހާމަކުރައްވާފައެވެ.
މި ކުއްލި ބަހުސް އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ބާއްވާފައިވަނީ 2026 ފެބްރުއަރީ 28 ވަނަ ދުވަހު ބަހްރައިން، އުރުދުން، ކުވައިތު، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް އަމާޒުކޮށް ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން މަޝްވަރާ ކުރުމަށެވެ.
ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުންދަނީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށާއި، ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށެވެ. މިގޮތުން ޑިޕްލޮމެޓިކް މަގުން މައްސަލަތައް ހައްލުކުރުމަށް ބާރުއެޅުމަކީ މިވަގުތަށް އެންމެ މުހިންމު ފިޔަވަޅު ކަމުގައި ރާއްޖޭގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.