ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ހާއްސަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން: މާލީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ހާއްސަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން: މާލީ ވަޒީރު

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައި، އެކަމަށްޓަކައި ހާއްސަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ޕްލޭނުގެ ދަށުން ރިކަރަންޓު ޚަރަދުތައް ހިފެހެއްޓުމަށާއި، އައު ވަޒީފާތަކަށް މީހުން ނެގުމުގެ އިތުރުން ޚަރަދު ކުޑަކުރެވޭނެ އެކި ދާއިރާތައް ބަލަމުންދާ ކަމަށެވެ. މީގެ ބޭނުމަކީ ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދުތައް ވަކި މިންގަނޑެއްގައި ހިފެހެއްޓުމެވެ.

ޚަރަދު ކުޑަކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، "އަޅުގަނޑުމެން ޓީމު އެބަ މަސައްކަތް ކުރޭ ސޭވް ކުރެވޭނެ ގޮތަށް ރިކަރެންޓް ބައެއް އެކްސެޕެންސެސްތައް ކޮންޓެއިން ކުރުމާއި، ބަޖެޓުތެރެއިން މިހުންނަށް ކަންތައް މިސާލަކަށް ހަޔަރިންއާއި، ދެން ހުރި ބައެއް ކަންތައްތަކުގައި، އަޅުގަނޑު އެބައޮތް ލިސްޓެއް ހަދާފައި ރައީސް އަރިހަށް ގެންދަން އަޅުގަނޑުމެން ބޭނުންވެއޭ މިވެނި ކަންކަމަށް ބަދަލު ގެންނަން. އެހެންވީމަ ރައީސްގެ ލަފަޔާއެކު ބަދަލު ގެންނައިރު ވަކި އަދަދަކަށް ސޭވް ވާނެ" ކަމަށެވެ.

މާލީ ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިފަދަ ފިޔަވަޅުތައް އަޅާއިރު ގިނަ ކަންތައްތަކަކަށް ރިއާޔަތް ކުރަންޖެހެއެވެ. އެގޮތުން އާމްދަނީން ގެއްލޭ މިންވަރަށް ބަލައި ޚަރަދު ކުޑަކުރުމާއި، އިތުރަށް ޚަރަދުތައް ފޫބެއްދުމަށް ބޭނުންވާ ފައިނޭންސިން ހޯދުމަށް ވިސްނަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު އެކުލަވާލަމުންދާ ޕްލޭން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ހުށަހަޅުއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރައީސްގެ ލަފާފުޅާއެކު ސަރުކާރުން އަޅަން ނިންމަވާ ފިޔަވަޅުތައް ރަސްމީކޮށް ހާމަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޚަރަދު ކުޑަކުރުމުގެ ގޮތުން މިހާރުން މިހާރަށް އަޅާފައިވާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއިން ބޭރަށް ސަރުކާރުގެ ފަރާތުން ކުރާ ރަސްމީ ދަތުރުތައް މި ވަގުތަށް ހުއްޓާލާފައިވާ ކަމަށެވެ.

މިއަދު އޮންލައިން