ދެވަނަ އަންތބެއްގެ ގޮތުގައި ކައިވެނިކޮށް ބަނޑަށް 7 މަހުގައި ފިރިމީހާގެ ގެއަށް ދިއައީ އެގެއަށް ވެރިވެގަނެގެން އުޅުމުގެ ބޭނުމުގައެވެ. ގޮސް ދޮށީ އަނބިމީހާގެ ގާތުގައި އޭނާއަކީ ދެވަނަ އަނބިމީހާ ކަމަށާއި ބަނޑަށް 7 މަސް ކަމަށް ބުނުމުން އޭނާ ހިނިތުންވެ އިނދެ މަރުޙަބާ ކިޔެވެ. ގެސްޓްކޮޓަރީގައި ދިރިއުޅެން ފަށަން ބުންޏެވެ.
އޭނާއަކަށް އެވަރަކުން ނުފުދުނެވެ. ރުޅިނައިތީ ކަންބޮޑުވެ ސުވާލުކުރުމުން ބުންޏެވެ. "އަހުރެންނަކީ ބޭކާރު ކަންކަމަށް ބޯގޮއްވަން ބޭނުންވާ އަންހެނަކީމެއް ނޫނެވެ. އަހުރެންގެ ފިރިމީހާއަށް ތިބާ ބަލިވެއިނުމުން މަރުޙަބާކިޔުމަށްވުރެ ބޮލަށްފަސޭހަވާނެ ގޮތެއް ނެތެވެ."
އޭނާއަށް އެޖަވާބަކުންވެސް ނުފުދުނެވެ. އަތްއިސްކޮށް މޫނުމަތީގައި ޖަހާފައި ބުނީ ހަމަމިހާރު އެގެއިން ނުކުތުމަށެވެ. އެވަރުންވެސް މަޑުން އިނީމާ ދެވަނަފަހަރުވެސް ޖެހިއެވެ. ގެއިން ނުކުނަން ބުނެ އެއްޗެތި ގޮވަން ފެށިއެވެ.
އެވަޤުތު ފިރިމީހާ އައިސް ގެއަށް ވަނުމުން ފިރިމީހާއަށް އެންގީ މީނދަ ދަރިން ނުލިބޭ އަންހެނާ ވަގުތުން ގެއިން ނެރެލުމަށެވެ. އެހެންބުނެފައި އައިސް އަނެންކާވެސް އޭނާގެ މޫނުމަތީގައި ޖެހުމުން އޭނާއަކަށް ކެތެއް ނުކުރެވުނެވެ. ބުންޏެވެ. "ތިއައުޅެނީ އޮޅިގެންނެވެ. މިއީ ފިރިމީހާގެ ގެއެއް ނޫނެވެ. އަހުރެންގެ ގެއެކެވެ. ވީމާ ދެން ރަނގަޅުވާނީ ދެމީހުން އެކުގައި ހަމަމިހާރު ގެއިން ނުކުތުމެވެ. ނުނުކުތްނަމަ ފުލުހުން ގެނުވައިގެން ނަމަވެސް ނެރޭނަމެވެ."
ފިރިމީހާ ބުނީ އޭނާއަށް ކުށެއް ކުރެވިއްޖެކަމަށާއި މާފަށް އެދޭކަމަށެވެ. އަނބިމީހާ ބުނީ ކައިވެނިކޮށް ކުދިން ހޯދުމަކީ ކުރާ ކުށެއް ނޫންކަމަށާއި ކުށަކަށްވާނީ މިހިރަ އަންހެނާ ފަދަ ނުބައި އަންހެނަކު މިގޭގައި ގެންގުޅުން ކަމަށެވެ. އަދި ކަލޭ ފަދަ މަކަރުވެރި ފިރިއަކާއެކު އިތުރަށް ދިރިއުޅުން ކަމަށެވެ. އަދި ތިއަ ކަންތަކާ އަހުރެންގެ ބޯގޮއްވުންވާނީ އެންމެ ބޮޑުކުށަށެވެ. އެހިސާބުން ޖެހުނީ ދެމީހުންނަށްވެސް ގެއިން ނުކުމެގެންދާށެވެ.
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީ ގޮތެވެ. ގެދޮރާ މުދަލުގެ ދަހިވެތިކަމުގައި ދެއަންތބަށް ކައިވެނިކުރާ އަންހެނުންނަށް ޢިބްރަތްތެރި ފިލާވަޅަކަށްވާނެކަމަށް އުންމީދުކުރަމެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ