ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް މިހާތަނަށް 9500 އަށްވުރެ ގިނަ ފޯމު ހުށައަޅާފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. އެ ވުޒާރާއިން ހާމަކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމުލަ 9،645 މީހުން ވަނީ ބޯހިޔާވަހިކަމުގެ އެކި ޕްރޮގްރާމްތަކަށް ކުރިމަތިލާފައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިހާތަނަށް އެންމެ ގިނަ ބަޔަކު ފޯމު ހުށައަޅާފައިވަނީ ފްލެޓަށް އެދި ކަމަށެވެ. އެގޮތުން ފްލެޓަށް އެދި 5،993 މީހުން ފޯމު ހުށައަޅާފައިވާއިރު، ގޯއްޗަށް އެދި 3،234 މީހުން ވަނީ ފޯމު ހުށައަޅާފައެވެ. މީގެ އިތުރުން "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް އެކަނިވެސް ޖުމުލަ 9،227 ފޯމު ހުށައަޅާފައިވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުވާލާފައިވާ "ގޯތި ގެދޮރު" ޕްރޮގްރާމަށްވެސް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ. މިއީ އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ކުރިމަތިލެވޭ ގޮތަށް ހާއްސަކޮށްފައިވާ ކެޓަގަރީއެކެވެ. މި ކެޓަގަރީން މިހާތަނަށް 418 ފޯމު ވަނީ ހުށައަޅާފައެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، ފޯމު ހުށައެޅުމުގެ މަރުހަލާގައި ޑްރާފްޓްގެ ގޮތުގައި ނުވަތަ ފުރިހަމަނުކޮށް 13،279 ފޯމު މިވަގުތުވެސް ޕޯޓަލްގައި އެބައިން ކަމަށެވެ. މިއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުތައް ފުއްދުމަށްޓަކައި މިހާތަނަށް ހުޅުވާލާފައިވާ މުހިންމު ސްކީމްތަކެކެވެ.