ބޮޑުތަކުރުފާނު މަގު ހެންވޭރު ސަރަހައްދުގެ އެއްގަމު ތޮށީގެ މަސައްކަތްތައް އެމްޓީސީސީން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ބޮޑުތަކުރުފާނު މަގު ހެންވޭރު ސަރަހައްދުގެ އެއްގަމު ތޮށީގެ މަސައްކަތްތައް އެމްޓީސީސީން ފަށައިފި

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، ހެންވޭރު ސަރަހައްދުގެ އެއްގަމު ތޮށި މަރާމާތުކޮށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވާގޮތުގައި، މި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ފަށާފައިވަނީ މިހާރު އޮތް އެއްގަމު ތޮށީގެ ކޮންކްރީޓް ތަޅާލައި، އެ ތަކެތި ނެގުމުގެ މަސައްކަތެވެ. މިވަގުތު މި މަސައްކަތް ކުރިއަށްދަނީ ހެންވޭރު ފެރީ ޓާމިނަލާއި އިންވެގެން އޮންނަ ޖެޓީ ސަރަޙައްދުގައެވެ. މި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް، ދޯނިފަހަރު ކައިރިކުރާ ހުރަސް ތޮށި ހިމެނޭހެން މަރާމާތު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެއްގަމު ތޮށީގެ މަސައްކަތްތަކާ އެކުއެކީގައި، މަގު ފުޅާކުރާ ސަރަޙައްދާ ހަމައަށް ޝީޓް ޕައިލް ކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. އެމްޓީސީސީން ވިދާޅުވީ މި މަސައްކަތުގެ ސަބަބުން ބޮޑުތަކުރުފާނު މަގު މިހާރު އޮތް ވަރަށްވުރެ ގާތްގަނޑަކަށް 2 އާއި 3 މީޓަރާ ދެމެދުގެ މިންވަރަކަށް ފުޅާވެގެންދާނެ ކަމަށެވެ.

މި މަޝްރޫޢުގެ ތިންވަނަ ބައިގެ ދަށުން މަސައްކަތް ކުރިއަށްދަނީ ފޭސް 1 ގެ ސެގްމަންޓް 2 އިން ފެށިގެން 5 އާ ހަމައަށެވެ. މިއީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 700 މީޓަރުގެ ސަރަޙައްދެކެވެ. މުޅި މަޝްރޫޢުގެ ތެރެއިން ޖުމްލަ 610 މީޓަރުގެ އެއްގަމު ތޮށި އަލުން ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.

އެމްޓީސީސީން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ސަރަޙައްދު ފަރުމާކޮށްފައިވަނީ މަގުގެ ޖާގަ ބޮޑުކޮށް، ދަތުރުފަތުރުގެ ނިޒާމަށް ލުއިފަސޭހަވާނެ ގޮތަށެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދާނީ މީގެ ކުރިން ނިމިފައިވާ ދެ ސެގްމަންޓްވެސް ތަރައްޤީކުރި ޒަމާނީ ފަރުމާއާ އެއްގޮތަށެވެ.

މިއަދު އޮންލައިން