އުތީމު ބަނދަރު ތަރައްޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 10ސ
އުތީމު ބަނދަރު ތަރައްޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. އުތީމު ބަނދަރު ތަރައްޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޮޑު މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢަކީ އުތީމުގެ ލަފާފުރުމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށާއި، ރަށުގެ ގިރަމުންދާ ސަރަހައްދުތައް ހިމާޔަތް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފު އަބްދުލް ރަޙްމާން ޔޫސުފެވެ.

މި މަޝްރޫޢުގެ ދަށުން ތަފާތު ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި 61,870 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރުގެ ބޭސިން އަދި ނެރު ފުންކުރުމާއި، 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 409 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ. މީގެ އިތުރުން 417 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 81 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ އިތުރުން، 1703 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހަދައި ބަނދަރު ބައްތި ހަރުކުރުމަށް ވަނީ ނިންމާފައެވެ.

ޖުމްލަ 88.63 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢަކީ 510 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

1006 މީހުންގެ އާބާދީއެއް އޮންނަ އުތީމަކީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ރަށެކެވެ. ޚާއްޞަކޮށް، ޤައުމީ ބަތަލު އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (ބޮޑުތަކުރުފާނު) ގެ ގަނޑުވަރު ހުންނަ ރަށަށް ވުމާއެކު، ޗުއްޓީ ދުވަސްވަރު ގިނަ އަދަދެއްގެ މީހުން މި ރަށަށް ޒިޔާރަތް ކުރެއެވެ. މި މަޝްރޫޢު ނިމުމުން ރަށަށް ޒިޔާރަތްކުރާ އުޅަނދުފަހަރަށާއި މާލެ ދަތުރުކުރާ ބޮޑެތި ދޯނިފަހަރަށް ޖާގަ ތަނަވަސް ބަނދަރެއް ލިބި، ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ އެއް ކުންފުންޏެވެ. ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އެތައް މަޝްރޫޢެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.

މިއަދު އޮންލައިން