ދައުލަތުގެ ޕޭ ފްރޭމްވާކްގެ މިންގަނޑުތަކުގެ ދަށުން ޖަމާޢަތްތެރިންނަށް ޚާއްސަ މާލީ އިނާޔަތެއް ކަނޑައަޅައި، އެކަމާ ގުޅޭ އުސޫލު ސަރުކާރުން އާންމުކޮށްފިއެވެ. މި އުސޫލުގެ ދަށުން ޖަމާޢަތްތެރިންގެ ގޮތުގައި ބަލާނީ ދައުލަތުގެ ޕޭ ފްރޭމްވާކްގެ ޖޮބް މެޓްރިކްސްގައި ހިމެނޭ މަޤާމުތަކަށެވެ.
އަލަށް ކަނޑައެޅި އިނާޔަތްތަކުގެ ތެރޭގައި "ޖަމާޢަތްތެރިންގެ ކޮންޓިނިއުޓީ އެލަވަންސް" ހިމެނެއެވެ. މިއީ ޖަމާޢަތްތެރިންގެ މަސައްކަތްތައް ރޭވިފައި ހުންނަ ގޮތުން، ކަނޑައަޅާފައިވާ މަސައްކަތު ގަޑި ފުރިހަމަކުރުމަށްފަހު އެ ދުވަހެއްގެ މަސައްކަތްތައް ނިންމުމަށް ހޭދަކުރަންޖެހޭ ވަގުތަށް ދޭ އެލަވަންސެކެވެ. މި އެލަވަންސްގެ ގޮތުގައި ދުވާލަކަށް 200 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
މާލީ ކަންކަމާ ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ޖަމާޢަތްތެރިންގެ މަސައްކަތަކީ ކިފާޢަތުގެ ފަރުޟެއް އަދާކުރުމާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން އެ ފަރާތްތަކުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާފައިވަނީ އެ މަސައްކަތުގެ މުހިންމުކަމާއި ޚާއްސަ ސިފަތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.
އާންމުކުރި އުސޫލުގައިވާ ގޮތުން، ޖަމާޢަތްތެރިންގެ މަސައްކަތު ވަގުތު ކަނޑައަޅަންވާނީ އާންމު އެހެން މުވައްޒަފުންނާ ތަފާތުކޮށެވެ. އެގޮތުން މަގާމުގެ ޒިންމާތައް އަދާކުރާ ވަގުތަކީ މަސައްކަތުގެ ވަގުތުގެ ގޮތުގައި ބެލެވޭނެއެވެ. މިކަމުގެ ތަފްސީލުތައް ކަނޑައަޅާނީ ކަމާގުޅޭ އިދާރާތަކާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެންނެވެ.
ޖަމާޢަތްތެރިންގެ ޖޮބް މެޓްރިކްސްގައި ކަނޑައަޅާފައިވާ ހާޒިރީ އިނާޔަތް، މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް ދޭންޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، މަސައްކަތުގެ ވަގުތުގެ ގޮތުގައި ކަނޑައަޅާފައިވާ ވަގުތުގެ ދެބައިކުޅައެއްބައި ވަގުތު ޚިދުމަތް ކޮށްފިނަމަ، އެ ދުވަހަކަށްވެސް ހާޒިރީ އިނާޔަތް ލިބޭނެއެވެ.